ޚަބަރު

ޔޯގާ ޙަރަކާތުގެ ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ފުލުހުން ޢަމަލުކުރިގޮތް ބަލަން ނިންމައިފި


ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޙަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ހަރަކާތްތެރިވިގޮތުގެ އިންޓާނަލް ރިވިއުއެއް ހަދަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ގަލޮޅު ދަނޑު ސަރަހައްދުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ގަލޮޅު ދަނޑުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ޔޯގާ ހަރަކާތަށް ހުރަސް އަޅައި އެހަރަކާތުގެ ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި، ޑިޕްލަމެޓުންނާއި، އަދި އާންމުންގެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ވަދެގަނެ، ބައެއް މީހުންނަށް ހަމަލަދީ ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގް ކުރަމުން ދާކަމަށެވެ.

މިޢަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގްކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މިހާދިސާއާގުޅިގެން މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުން މިޢަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އޮފީހުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިހާދިސާ ހިނގި ކަމަށް މެދުވެރިވި ސަބަބު ބަލައި ދިވެހި ފުލުހުންގެ ޚިދުމަތުން ފިޔަވަޅުއެޅިގޮތް ބަލާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ. މިމައްސަލާގައި މިހާތަނަށް 6 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިހަރަކާތަށް ހުރަސްއަޅައި، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެގޮތުގައި ތަހުގީކޮށް، މިކަމުގައި ޝާމިލުވާ އެންމެން ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށެވެ. މި ހަރަކާތް ހުއްޓުވިއިރު ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފާއި، އިންޑިއާ ހައިކޮމިޝަނަރާއި ބޭރު ޖަމްޢިއްޔާތަކުން ރާއްޖެއަށް ކަނޑައެޅުއްވި ބައެއް މަންދޫބުންވެސް އެތަނުގައި ތިއްބެވިއެވެ.