ޚަބަރު

ޑިޕްލޮމަސީ ދާއިރާގެ އަންހެނުންގެ ދުވަސް ފާހަގަކުރުމާމެދު ރާއްޖޭގެ ހުށަހެޅުން ފާސްކޮށްފި


ޑިޕްލޮމަސީ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހެއް ފާހަގަކުރުމަށް ދިވެހިރާއްޖެއިން އިސްނަގައިގެން ހުށަހެޅި ޤަރާރު އދ.ގެ ޢާއްމުމަޖިލީހުން ރޭ ފާސްކޮށްފިއެވެ.

ދިވެހިރާއްޖެއާއެކު، މި ޤަރާރު އދ.ގެ ޢާއްމުމަޖިލީހަށް ހުށަހެޅި ކޯ ގްރޫޕްގައި ހިމެނެނީ އެލް ސަލްވަޑޯރ، އެރިޓްރެއާ، ގްރެނާޑާ، ގަޔާނާ، ކެންޔާ، ލެޓްވިއާ، ލުބްނާން، މޯލްޓާ، ޤަތަރް، ސެންޓް ލޫޝިއާ އަދި ދެކުނު އެފްރިކާއެވެ. މި ޤަރާރު ފާސްވުމާއެކު، ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24ވަނަ ދުވަސް ފާހަގަކުރާނީ އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމެސީގެ ގޮތުގައެވެ. މި ޤަރާރު އެކުލަވާލުމުގެ މަސައްކަތް ފެށުނީ އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބާއްވަވަމުން ގެންދަވާ "ހޮށުއަޅި ޑައިލޮގްސް" މަޝްވަރާ ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައެވެ.

މި ޤަރާރު އދ.ގެ މަޖިލީހަށް ހުށަހެޅުއްވީ އދ.އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިނެވެ. ޤަރާރު ހުށަހަޅުއްވަމުން ދެއްކެވި ވާހަކަފުޅުގައި ތިލްމީޒާ ވިދާޅުވީ، މިއީ ޑިޕްލޮމެސީގައި މަސައްކަތްކުރާ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާމެދު މަޝްވަރާކޮށް، އަންހެނުންނަށްވެސް ޑިޕްލޮމެސީގައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތުގައި މިވަގުތު އިންނެވި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، މިންތީގެ ހަމަހަމަކަމަށް އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ރާއްޖޭގެ ފޮރިން މިނިސްޓަރގެ ހައިސިއްޔަތުން ދެއްވާ އަހަމިއްޔަތުކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ޤަރާރު ފާސްވުމާ ގުޅިގެން އާއްމު މަޖިލީހާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ އަންހެން ޑިޕްލޮމެޓުން ސުލްހައަށް މަޝްވަރާކޮށް، ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކޮށް، ނުރައްކަލާ ތުރާތައް ގިރާކޮށް، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަމަށާއި، އެކަން ފާހަގަކުރުމަށް ކޮންމެ އަހަރަކު ޚާއްސަ ދުވަހެއް ކަނޑައެޅިގެން ހިނގައްޖެކަމަށެވެ.

އދ.ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަމީނާ މުހައްމަދު އާއްމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، މިކަމުގައި ދިވެހިރާއްޖެއިން އިސްނެގިކަމަށްޓަކައި މަރުހަބާ ވިދާޅުވިއެވެ. ޑިޕްލޮމެސީގައި މަސައްކަތްކުރާ އަންހެނުންގެ ބައިނަލްއަޤްވަމީ ދުވަސް ފާހަގަކުރުމުގެ ޤަރާރު 191 ޤައުމަކުން ކޯ ސްޕޮންސަރ ކުރިއިރު، 85 ޤައުމަކުން ވަނީ ޤަރާރުގެ ސްޕޮންސަރުންގެ ގޮތުގައި ހިމެނިފައެވެ.