ޚަބަރު

ޓްރާންޝިޕްމަންޓް ބަނދަރު ޤާއިމްކުރެވެންދެން އިތުރު ޚިދުމަތްތަކެއް ދިނުމަށް ތައްޔާރުވަނީ


ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރު ޤާއިމް ކުރެވެންދެން އެސަރަހައްދުން ދަތުރުކުރާ އާގުބޯޓު ފަހަރަށް އިތުރު ޚިދުމަތްތަކެއް ދިނުމަށް މަސައްކަތް ފަށައިފިއެވެ.

އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރުކުރާ އާާގުބޯޓުތަކަށް ޚިދުމަތްދޭން ފެށޭނީ ކޮން ތާރީޚެއްގައިތޯއާއި އަދި ދެވިދާނެ ޚިދުމަތްތައް ފާހަގަކޮށް ހޯރަފުށި ދާއިރާގެ ތިންރަށުން ހުށަހެޅި ޤަރާރުގައި ހިމެނޭ ކަންކަމާގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލަށް ލިޔުމުން ޖަވާބު ހޯދުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލުގައި މިނިސްޓަރ ފައްޔާޟު ވިދާޅުވީ ޤަރާރުގައިވާ ކަންކަން ވީ އެންމެއަވަހަށް އެސަރަހައްދުގައި ފެށްޓުމަށްޓަކައި، އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމަށް ކަމާގުޅުންހުރި އިދާރާތައް ހިމެނޭ ގޮތަށް ވަރކިން ގްރޫޕެއް އެކުލަވާލެވި، މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.

ވާކިން ގްރޫޕްގައި ކުރެވުނު މަޝްވަރާތަކަށްފަހު އިހަވަންދިއްޕޮޅުގައި އެންމެ އަވަހަށް ފެށިދާނެ ޚިދުމަތްތަކުގެ ތެރޭގައި ކްރޫ ޗޭންޖުގެ ޚިދުމަތާއި، ޝިޕް ސްޓޯރ އަދި ސަޕްލައި ފޯރުކޮށް ދިނުމުގެ ޚިދުމަތް ވަނީ ފާހަގަ ކުރެވިފައެވެ. މިކަންކަމަށް ބޭނުންވާ އިމާރާތާއި ވަސީލަތްތައް ޤާއިމްކޮށް ވާންޖެހޭ އެހެނިހެން ތައްޔަރީތައް ވުމުގެ މަސައްކަތް އެމްޕީއެލްއާއި، ޓްރަސްޕޯޓް މިނިސްޓްރީއާއި ކަމާ ގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީގެ އަމާޒަކީ މިމަސައްކަތް އެންމެ ލަސްވެގެން 2023ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މިޚިދުމަތް އިހަވަންދިއްޕޮޅުގައި ތަޢާރަފް ކުރުންކަމަށް މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިމަސައްކަތްތަކުގެ އިތުރުން މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އިހަވަންދިއްޕޮޅުގައި ބައިނަލް އަޤުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށްވެސް އެސްޓީއޯއިންވެސް ތައްޔާރުވަމުންދާކަމަށެވެ. މިކަމަށް ބޭނުންވާ ފައިސާއާއި، އުޅަނދުފަހަރާއި، އިކުމަންޓް ހޯދުމާއި، ޤާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އިހަވަންދިއްޕޮޅުގައި ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރ ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއް ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ބަޔަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތުފާލަމެއް ޤާއިމްކުރުމަށް ވަނީ ރާވާފައެވެ. އަދި އަހަރަކު 1.8 މިލިޔަން ކޮންޓެއިނަރު ހެންޑްލް ކުރުމުގެ ކެޕޭސިޓީ ޤާއިމްކުރުމަށް އަމާޒު ހިފާފައިވާކަމަށާއި މި މަޝްރޫއުއަށް 466 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެކަމަށް އަންދާޒާ ކުރެވެއެވެ.