ސިއްހަތު

5.7 މިލިއަން ރުފިޔާގެ ޞިއްޙީ ސާމާނު ޗައިނާއިން ހަދިޔާކޮށްފި


ޗައިނާ ސަރުކާރުން ރާއްޖެއަށް 5.7 މިލިއަން ރުފިޔާގެ ޞިއްޙީ ސާމާނު ހަދިޔާކޮށްފިއެވެ.މިއީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޗައިނާ ސަރުކާރުގެ ނޭޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިންގް ކޮމިޝަނުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ކޭމްޕުގައި ބޭނުންކުރި ތަކެއްޗެވެ. މި ތަކެއްޗާ ދިވެހި ސަރުކާރުގެ ފަރާތުން ޙަވާލުވެވަޑައިގަތީ، ޞިއްޙަތާބެހޭ ވަޒީރު، އިރުތިޝާމް އާދަމެވެ. މި ތަކެތި ދިވެހި ސަރުކާރާ ޙަވާލުކޮށްދެއްވީ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ފުކާންގްއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙަތާބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ މިއަހަރުގެ ތެރޭގައި ހުޅުމާލޭގެ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހަދަން ފެށޭނެ ކަމަށެވެ. އަދި މިފަދަ އޮޕަރޭޝަންތައް  އަތޮޅުތެރޭގައިވެސް ކުރެވޭގޮތަށް ކައިރި މުސްތަޤްބަލެއްގައި ހަމަޖައްސަވަން މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.ޗައިނާ ސަރުކާރުން"ބްރައިޓް ޖަރނީ"ގެ ނަމުގައި ހިންގި މިކޭމްޕްގައި ޖުމްލަ 100 މީހުން ލޮލުގެ އޮޕަރޭޝަން ކޮށްފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއެވެ. މިޕްރޮގްރާމަކީ ޗައިނާއާއި ދިވެހި ސަރުކާރާ ދެމެދު މިދިޔަ ޑިސެމްބަރު މަހު ވެވުނު އެއްބަސްވުމުގެ ދަށުން ހިންގެވި ޕްރޮގްރާމެކެވެ.މި ކޭމްޕު ހިންގެވީ ޗައިނާގެ ގުއާންގޑޮންގ ޕްރޮވިންސުގެ ހެލްތު ޑިވެލޮޕްމެންޓު ޕްލޭނިންގް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ ބެއްލެވުމުގެ ދަށުން ޗައިނާގެ ޒޮންގްޝަން އޮފްތަލްމިކް ސެންޓަރުގެ ލޮލުގެ ބަލިތަކަށް ޚާއްޞަ ދެ ޑޮކްޓަރުންނާއި ދެ ނަރުހުންނާއެކު ޖުމްލަ ދިހަ ބޭފުޅުންގެ ޓީމަކުންނެވެ.