ވިޔަފާރި

ޅ. އަތޮޅުގައި މިއަހަރު އިތުރު 2 ރިސޯޓް ހުޅުވޭނެ - މިނިސްޓަރ


ޅ. އަތޮޅުގައި މިއަހަރު އިތުރު 2 ރިސޯޓް ހުޅުވިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ޅ.ކުރެންދޫ މެންބަރު އަބްދުލްޢަނީ އަބްދުލް ހަކީމް ކުރެއްވި ސުވާލަކަށް މަޖިލީހުގައި ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދަށް ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަހަރު ޅ.އަތޮޅުގައި 2 ރިސޯޓެއް ހުޅުވިގެންދާނެކަމަށެވެ. ޅ.އަތޮޅަކީ ސަގާފީ ފަތުރުވެރިކަން ތަރައްޤީކުރަންވެސް ވަރަށް ރަނގަޅު ސަރަހައްދެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ދާދިފަހުން ޔޫއެންޑަބްލިއުޓީއޯއާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގައިވެސް ރާއްޖޭގެ ރަށްތަކުގައި ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަށް މަޝްވަރާކުރެވުނުކަމަށް މިނިސްޓަރ ވިދާޅިވިއެވެ.

"ޅ. އަތޮޅުގައި އަޅުގަނޑުމެން މިބަލަނީ މިއަހަރު 2 ރިސޯޓް ހުޅުވޭނެކަމަށް. ކަލްޗަރަލް ޓޫރިޒަމްއަކީ ޅ. އަތޮޅާއިއެއްކޮށް ވަރަށް ބޮޑަށް ކުރިއަށްގެންދެވިދާނެ ޓޫރިޒަމްއެއް. ޙާއްސަކޮށް ކުރެންދޫއަށް އަޅުގަނޑުމެން މިނިސްޓްރީންވެސް ޒިޔާރަތްކުރި މިނިސްޓްރީން. ގޮއްސަ އެތަނުގައި ހުރި އާސާރީ ޓޫރިޒަމްއާއި ބެހޭ ކަންތައްތައް ބަލައި އެކަންތައްތައް ކުރިއަށް ގެންދެވޭނެގޮތެއް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން. އަޅުގަނޑުމެން ދާދި މިދާކައް ދުވަހު ޔޫއެންޑަބްލިއުޓީއޯއާ ގުޅިގެން ނިންމާލި ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓޫރިޒްމް. އޭގައި ވަރަށް ބޮޑު އިސްކަމެއް ދެވުނު އެ ޓޫރިޒަމް ކުރިއަށް ގެންދާނެ ގޮތެއް. އެހެންވީމަ ޅ.އަތޮޅުގައިވިއަސް އެހެން އަތޮޅުގައި ވިއަސް އެބައި ކުރިއަށް ގެންދެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް މީގެކުރިން ވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރު 10 ރިސޯޓް ހުޅުވިގެންދާނެކަމަށް ވިދާޅުވެފައެވެ. މިއަހަރުގެ މިހާތަނަށް ވަނީ 2 ރިސޯޓް ހުޅުވާފައެވެ. އަލަށް ހުޅުވިގެންދާ 10 ރިސޯޓާއެކު ރިސޯޓްތަކުގެ އެނދުގެ ޢަދަދު 3500އަށް އިތުރުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ހަމައެކަނި ރިސޯޓްތަކުން އިތުރުވެގެންދާ އެނދުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ގެސްޓްހައުސްތަކުންވެސް އަހަރުގެ ކުރިއަށްއޮތް ތަނުގައި ގިނަ އެނދުތަކެއް މާކެޓަށް ނެރެވޭނެކަމަށެވެ.