ޚަބަރު

މެރެލީން މޮންރޯގެ ހެދުން ކިމް އަތުން ހަލާކެއް ނުވޭ


މި މަހުގެ ކުރީކޮޅު ބޭއްވި މިއަހަރުގެ މެޓް ގާލާ އިވެންޓުގައި މަޝްހޫރު ސެލިބްރިޓީ ކިމް ކާޑޭޝިއަން ލާފައި ހުރީ 1962 ވަނަ އަހަރު ހޮލީވުޑް ތަރި މެރެލީން މޮންރޯ ލާފައިހުރި ލުއިސް ޖީން ގައުންއެވެ.

އެހެދުމާއިއެކު ނޫސްތަކުގެ ހެޑްލައިނަށް ކިމް ވަނީ އަރާފައެވެ. ނަމަވެސް މިދިޔަ ހަފްތާގައި ކިމްއޭ ކިޔައިގެން އެންމެ ގަދަޔަށް ދެކެވުނު ވާހަކައަކީ މެރެލީންގެ މި ހެދުން ކިމް އަތުން ހަލާކުވި ވާހައެވެ. އަދި މެޓްގާލާއަށް ކިމް އެ ހެދުން ލުމުގެ ކުރީގެ ފޮޓޯއަކާއި ފަހުގެ ފޮޓޯއެއްވެސް އާންމުވެގެންދިއައެވެ. އޭގައި ފެންނަނީ އިވެންޓުގައި ފަހުން ނެގި ހެދުމުގެ ފޮޓޯއެއްކަމަށް ބުނާ ފޮޓޯގައި ހެދުމުގެ ފަތިން ވީދައިގެން ގޮސްފައިވާ ތަނެވެ. ނަމަވެސް މިއީ އަސްލު ފޮޓޯއެއްކަމެއް ނޭގެއެވެ. މިގޮތަށް ކިމްއަށް ތުހުމަތު ކުރީ މެރެލީންގެ ކަލެކްޝަނުންނެވެ.

ނަމަވެސް އެ ހެދުން އެންމެ ފަހުން ގަނެފައިވާ ޑިޕާޓްމަންޓު ސްޓޯ ރިޕްލޭސް އިން ވަނީ މިކަން ދޮގުކޮށްފައެވެ. އެމީހުން ބުނާގޮތުން ކިމް އެ ހެދުން ލުމަށްފަހުވެސް ހެދުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށެވެ. ރިޕްލޭސް އިން މި ހެދުން ގަތީ 2016 ވަނަ އަހަރު 4.8 މިލިއަން އެމެރިކާ ޑޮލަރަށެވެ. މެޓް ގާލާގައި މި ހެދުން ލުމަށް ކިމް ވަނީ ތިން ހަފްތާއިން 7 ކިލޯ ލުއިވެސް ވެފައެވެ.

މެރެލީންގެ މި އައިކޯނިކް ޑްރެސް އޭނލާފައިވަނީ އޭރުގެ އެމެރިކާގެ ރައީސް ޖޯން އޮފް ކެނެޑީގެ އުފަން ދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގައެވެ. މި ހަފްލާގައި މެރެލީން ވަނީ "ހެޕީ ބާތްޑޭ" ލަވަ ކެނެޑީއަށް ކިޔާދީފައެވެ. 1962 ވަނަ އަހަރު ކެނެޑީއަށް މެރެލީން ކިޔައިދިން "ހެޕީ ބާތްޑޭ" ލަވަޔަށްފަހު މެރެލީން އާއި ކެނެޑީއާއި ދެމެދު ސިއްރު ގުޅުމެއް ހިނގާ ކަމަށްވެސް އޭރު ވަނީ އަޑުތައް އަރާފައެވެ. މެރެލީންގެ މި ލަވަޔަށްވުރެ ބޮޑަށް މަޝްހޫރުވީ އޭނާ ލާފައިހުރި ހެދުމެވެ.

ފްރާންސްގެ ފެޝަން ޑިޒައިނާ ޖީން ލުއިސް ކަސްޓްމައިޒްކޮށްފައިވާ މި ހެދުމުގައި އަތުން ހަރުކޮށްފައިހުރި 2500 ވިދާ ކްރިސްޓަލް ހުއްޓެވެ. މި ހެދުމަށް ޖީން އަށްވަނީ އެކަޑަމީ އެވޯޑުގެ ބެސްޓް ކޮސްޓިއުމް ޑިޒައިނާ އެވޯޑްވެސް ލިބިފައެވެ.