ޚަބަރު

ވިނަރެސްއަކީ 2009ވަނަ އަހަރު ސޮއިކުރި 4000 ހައުސިން ޔުނިޓްގެ ބައެއް - އަސްލަމް


ޗައިނާގެ ސީމެކް ކުންފުނީގެ އެހީގައި ތަރައްޤީކުރާ ވިނަރެސް ހައުސިން މަޝްރޫޢުގެ ތެރެއިން 2 ޓަވަރުގެ މަސައްކަތް މުޅިން ނިންމައި ރަސްމީކޮށް ސަރުކާރާ ހަވާލުކޮށްފިއެވެ. މިކަމުގެ ރަމްޒީ ތަޅުދަނޑިއާ ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން، ސީމެކާއެކު ރާއްޖެއިން 2009ވަނަ އަހަރު ސޮއިކުރީ، ތިން ފިޔަވައްސަކަށް ބަހާލައިގެން ރާއްޖޭގައި 4000 ހައުސިން ޔުނިޓް ތަރައްޤީ ކުރުމަށެވެ.

މި މަޝްރޫޢު މުޅިން މިނިމެނީ ވިނަރެސްގައި ތަރައްޤީކުރާ 1344 ހައުސިން ޔުުނިޓާއެކުއެވެ. ވިނަރެސްގެ 10 ޓަވަރުގެ ތެރެއިން، 2 ޓަވަރު މުޅިން ނިންމައި ހަވާލުކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުޙައިލް އަޙްމަދެެވެ. އަދި ސީމެކްއިން ހަވާލުކުރި ރަމްޒީ ތަޅުދަނޑިއާ ޙަވާލުވެވަޑައިގަތީ، ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، މި މަޝްރޫޢުގައި 2009ވަނަ އަހަރު ސޮއިކުރެއްވީވެސް، އޭރުގެ ހައުސިން މިނިސްޓަރުގެ ޙައިސިއްޔަތުން އެމަނިކުފާނުކަމަށެވެ.

މަޝްރޫޢުގެ ތަފްސީލް ހާމަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް ހުޅުމާލޭގައި ހިންގިކަމަށެވެ. އަދި ދެވަނަ ފިޔްވަހީގައި ހުޅުމާލޭގައި 796 ޔުނިޓް އަދި ރާއްޖޭގެ ދެކުނުގައި 704 ހައުސިން ޔުނިޓްގެ މަޝްރޫޢު ކުރިއަށް ގެންދިޔަކަމަށެވެ.

ވިނަރެސްއަކީ މިމަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތެވެ. މިނިސްޓަރ ވިދާޅުވީ މި މި ހައުސިން ޔުނިޓުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް މިދިޔަ ދައުރުގެ ފަހުކޮޅި ފެށި ނަމަވެސް، 2009ވަނަ އަހަރު ސީމެކާއެކު ސޮއިކުރި 4000 ޔުނިޓްގެ އެއްބަސްވުމުގައި މި މަޝްރޫޢުވެސް ހިމެނޭކަމަށެވެ.

އަސްލަމް ވިދާޅުވީ މި ދައުރު ފެށި އިރު، ވިނަރެސް 10 ޓަވަރުގެ ތެރެއިން ގިނަ އިމާރާތްތަކުގެ ފައުންޑޭޝަން މަސައްކަތްވެސް ފެށިފައި ނެތްކަމަށެވެ.

"އަންނަ މަހުގެ ތެރޭގައި ވިނަރެސްއަށް ކުރިމަތިލުމަށް ހުޅުވާލާނަން. އަދި އިތުރު ޕްރޮޖެކްޓްތަކާ ގުޅޭގޮތުންވެސް ޗައިނާއާއި ރާއްޖެއާ ވަރަށް ގާތުން މަޝްވަރާ ކުރެވެމުންދޭ." އަސްލަމް ވިދާޅުވިއެވެ.

ވިނަރެސްގައި ހިމެނެނީ މުޅިންވެސް 3 ކޮޓަރީގެ ފްލެޓުތަކެވެ.

އަސްލަމް ވިދާޅުވީ މިހާތަނަށް އައިއިރު، މިހާ ފެންވަރު ރަނގަޅުކޮށް ކުރިއަށްގެންދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ނެތްކަމަށެވެ. އަދި ގެތަކުގެ ތަނަވަސްކަމާއި، ކޮލިޓީއަށް ބަލާއިރުވެސް ސީމެކުން މަސައްކަތް ކުރިއަށްގެންދިޔައީ އެންމެ ފުރިހަމައަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.