ޚަބަރު

ތަފާތު ޚިޔާލުތަކާއެކު ކޯލިޝަން ވެރިކަމުގެ ކާމިޔާބު 5އަހަރު


2007ވަނަ އަހަރު ރާއްޖެ ބަލައިގަތް ފެހި ޤާނޫނު އަސާސީއާއެކު އުފެދުނު އެއްވެސް ވެރިކަމެއް މިހާތަނަށް ވަކި ސިޔާސީ ޕާޓީއަކަށް އަދި ސިޔާސީ ފިކުރަކަށް އެކަނި ނިކުމެ ކާމިޔާބު ކުރެވިފައެއްނުވެއެވެ. މިހާރު އޮތް ވެރިކަމަކީވެސް ކޯލިޝަނެއްގެ ތެރެއިން 2018ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންގެ ތާއީދާއިއެކު ވެރިކަމަށް އައި ސަރުކާރެކެވެ.

އޭގެފަހުން ބޭއްވި 3 ރިޔާސީ އިންތިޚާބުގައިވެސް ރައްޔިތުން ކޯލިޝަން ވެރިކަމަކަށް ނޫނީ ފުރުސަތު ދީފައި ނުވެއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން، ފާއިތުވި އެއްވެސް ރިޔާސީ އިންތިޚާބެއް އެއްވެސް ރިޔާސީ ކެނޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ވެފައި ނުވެއެވެ. 2008ވަނަ އަހަރުގެ ދިގު 30 އަހަރުގެ ވެރިކަން ނިމިގެން ދިޔައީ އޭރުގެ ރައީސް މައުމޫނާއި ދެކޮޅަށް ފުރަތަމަ ބުރުގައި ވާދަކުރެއްވި ޕާޓީތަކާއި، ލީޑަރުން ނިކުމެ ކުރި މަސައްކަތުގެ ނަތީޖާއިންނެވެ. ބޮޑު ކޯލިޝަނަކާއިއެކު ވެރިކަން ގާއިމް ކުރެވުނު ނަމަވެސް ވެރިކަމުގެ 19 ދުވަސް ތެރޭގައި ކޯލިޝަން ވަނީ ރޫޅިގެން ގޮސްފައެވެ.

ހަލޮބަލިކަން ބޮޑުވި ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމަށްފަހު ވެރިކަމުގެ ބާކީ އޮތް ދުވަސްތަކުގައި ވެރިކަން ކުރެއްވީ އޭރުގެ ނައިބް ރައީސް ޑރ.ވަހީދެވެ. މިތަޖުރިބާތަކަށް ބަލައި 2018ވަނަ އަހަރުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރީ އެއިންތިޚާބުގައި އެކަނި ވާދަކޮށް އިންތިޚާބު ކާމިޔާބު ކުރުމަށެވެ. ނަމަވެސް އެކަން ކާމިޔާބުނުވީ އެމްޑީޕީ ނޫން ހުރިހާ ޕާޓީތަކެއް ކޯލިޝަން ހަދައި ވެރިކަން ހޯދުމަށް ކުރި މަސައްކަތުންނެވެ. 2018ވަނައަހަރުގެ އިންތިޚާބު ކާމިޔާބު ކުރީ ބޮޑު ކޯލިޝަނަކާއިއެކު ރައީސް ޔާމީނެވެ.

ރައީސް ނަޝީދުގެ ކޯލިޝަން ވެރިކަން ހިނގައިދިޔަ ގޮތަށް، ރައީސް ޔާމިންގެ ރިޔާސީ ދައުރުވެސް ފެށުނުތަނާ ކަހަލަގޮތަކަށް އޭރު އޮތް ވަރުގަދަ ކޯލިޝަން ރޫޅި ޕާޓީތައް ބައިބައިވިއެވެ. ނަތީޖާއެއްގެ ގޮތުން އޭރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތް، ޕީޕީއެމް ފިޔަވާ އެހެން ހުރިހާ ޕާޓީތަކެއް ރައީސް ޔާމިންގެ ސިޔާސީ ހަތުރުންނަށް ބަދަލުވެ، ރައީސް ޔާމިންގެ 5 އަހަރުގެ ދައުރު ވެގެން ދިޔައީ، ސިޔާސީ ގޮތުން ހަލަބޮލި އަދި ގޮންޖެހުން ބޮޑު ދައުރަކަށެވެ.

އެންމެ ފަހުން، 2018ގެ ރިޔާސީ އިންތިޚާބުގައިވެސް ތާރީޚު އިއާދަވެ، ރައްޔިތުން ރުހުން ދީފައިވަނީ ކޯލިޝަން ވެރިކަމަކަށެވެ. އޭރު ސަރުކާރުގައި ދައުލަތުގެ ހުރިހާ އާރަކާއި ބާރެއް އޮވެމެ، އިންތިޚާބުގައި ގިނިކަންޏާ ވާދަކޮށް، ޕީޕީއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. އޭގެ 5 އަހަރު ފަހުން މިއަދު މިވަނީ އަނެއްކަވެސް އާ ރިޔާސީ އިންތިޚާބަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި މިވަގުތު ވެރިކަމުގައި އޮތް ކޯލިޝަންގެ ތެރެއިން ބައެއް ބޭފުޅުން 2023ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ގިނިކަންޏާ ވާދަކުރުމަށް ވަކާލާތު ކުރައްވަމުން ގެންދަވާއިރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެންމެ ފަހުން އެމަނިކްފާނު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައިވަނީ، ވަކި ފަރުދަކަށް ގިނިކަންޏާ ނިކުންނަވާ ރައްޔިތުންގެ %50 ވޯޓު ލިބިދާނެކަމަށް އެމަނިކްފާނަށް ގަބޫލު ނުކުރެއްވޭ ކަމުގައެވެ.

ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކިކަހަލަ ރައްދުތައް ދެއްވައި ބަހުގެ ހަމަލާ ބަދަކުރެއްވި ނަމަވެސް ރައީސް ޞާލިހު މިކަންކަން ހައްލުކުރައްވައި އެއްބައެއްގެ ގޮތުގައި ކޯލިޝަން ދެމެހެއްޓުމަށް ކުރައްވާ މަސައްކަތާއި، ގެންގުޅުއްވާ ވިސްނުންފުޅަކީ އެމަނިކުފާނުގެ ކެތްތެރިކަމާއި، ދުރުވިސްނުންފުޅުގެ މިސާލެއްގެ ގޮތުގައި ކޯލިޝަންގެ ލީޑަރުންވެސް ދެކެވަޑައިގަންނަވައެވެ.

އެހެންކަމުން މާޒީވެދިޔަ ކޯލިޝަން ސަރުކާރުތަކާ ޚިލާފަށް، ރާއްޖޭގައިވެސް ކޯލިޝަން ސަރުކާރެއް ހިންގިދާނެކަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިވަނީ ސާބިތުކޮށް ދެއްވަފައެވެ. އަދި ކުރިއަށް އޮތް އިންތިޚާބުގައިވެސް ރައީސް ޞާލިހުގެ ވިސްނުން ފުޅަކީ މިހާރު އޮތް ކޯލިޝަނަކާއިއެކު އެއްބައިވަންތަ ސަރުކާރެއް ޤާއިމް ކުރުމެވެ. ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއެކު ކޯލިޝަންގެ ވެރިކަމެއް ދަމަހައްޓައި، އެޔަގީންކަން އޮތް ހަމައެކަނި ލީޑަރަކީ ރައީސް ޞާލިހުކަން އެމަނިކުފާނު ވަނީ ސިޔާސީ ލީޑަރުންނަސް ކަށަވަރު ކޮށްދެއްވާފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ތަރުތީބުވަމުން ދާގޮތުގެ މައްޗަށް ބަލާއިރު، މިއަދުގެ ހާލަތަކީވެސް އެކަނި އެއް ޕާޓީއަކަށް ވެރިކަން ހޯދިދާނޭ ހާލަތެއްކަމުގައި ގިނަބަޔަކު ގަބޫލު ނުކުރެއެވެ. އޭގެ އެންމެ ބޮޑު އެއްސަބަބަކީ ސިޔާސީ މަސްރަހުން ފެންނަމުންދާ ބޮޑެތި ބައިބައިވުންތަކާއި ކޯޅުންތަކެވެ. މިހަގީގަތްތަކަށް ބަލާއިރު، މިކޯލިޝަންގެ ވެރިކަން އިއާދަވުމަކީ ގާތްކަމެކެވެ.