ޚަބަރު

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޖަޕާން ސަރުކާރުގެ އެހީގައި ޚާއްސަ މަޝްރޫޢެއް


ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޖަޕާން ސަރުކާރުގެ އެހީގައި ޚާއްސަ މަޝްރޫޢެއް ފަށައިފިއެވެ.

މިމަޝްރޫޢުގެ އެންމެ ބޮޑު އަމާޒަކީ ސަރުކާރުގެ ނޫ އިޤްތިސާދުގެ ތެރެއިން މަސްވެރިކަމުގެ ނަފާ ދިވެހި ރާއްޖެއަށް ވީހާވެސް ބޮޑަށް ފުޅާކުރުމެވެ. މިމަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވެސް ހިމެނޭ ނޫ އިޤްތިސާދުގެ ސިޔާސަތުތަކުގައި ހިމެނޭ ކަންތައްތަކެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުން ފާހަގަކުރުމަށް މިއަދު ސޮލައިޓުގައިވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. މިހަފްލާގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން އާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޖަޕާން ސަރުކާރުން ވެދޭ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި މިފަށާ މަޝްރޫޢުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހަރަކާތްތަކާއި އެކު ރާއްޖޭގެ މަހަށް ލިބޭ އަގަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

މި މަޝްރޫޢާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ މި މަޝްރޫޢު މައިގަނޑު ގޮތެއްގައި އަމާޒްކޮށްފައިވަނީ 3 ދާއިރާއަކަށް ކަމަށެވެ.

" މަހުގެ އަގު އިތުރުުކުރުމާއި، މަހުގެ ބާޒާރުތައް ފުޅާކުރުން، ދެވަނަ ކަމަކަށް އެންވެރިކަމުގައި މިހާރު ދިމާވެފައި ހުރި މައްސަލަތަކަށް ހައްލު ހޯދުމާއި، އެން މަރުވާ ނިސްބަތް މަދުކުރުމާއި، ވަކި ކޮންޕޯނަންޓެއް ގޮތުގައި އެބަ ބަލަން ޖަޕާނުގައި އެންވެރިކަމަކީ ވަކި މަސްވެރިކަމެއް، ރާއްޖޭގައިވެސް އެންވެރިކަމުގެ މަސްވެރިކަމެއް ފެށިދާނެ ތޯ، ތިންވަނަ ކަމަކަށް ބަލަނީ ވަޅޯމަސް ތައްޔާރުކުރާ ފަރާތްތަކަށް އެހީވުން،" ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ފާހަގަކުރެއްވިގޮތުގައި މިމަޝްރޫޢުގެ ދަށުން ޖައިކާގެ ފަންނީ މާހިރުންގެ އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. މިހާރު މަސައްކަތް ރޭވިފައިވާ ގޮތުން މަޝްރޫޢުގެ އަމަލީ މަސައްކަތް އޮގަސްޓުމަހުގެ ތެރޭގައި ފެށޭނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ މި މަޝްރޫޢަކީ ރާއްޖެއަށް މުހިއްމު މަޝްރޫޢެއް ކަމަށެވެ. އެގޮތުން މަހުގެ ކޮލިޓީ ރަނގަޅު ކުރުމަށް މި މަޝްރޫޢުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

" ރާއްޖޭގެ މަހުގެ ކޮލިޓީ ދަށްވުމަކީ، ބައެއް މާރކެޓުތަކަށް ވަނުމަށް މިހާރު ހުރި ހުރަހެއް، މަހުގެ އަގު އިތުރަށް ބޮޑު ކުރުމަށްވެސް އޮތް ހުރަހެއް، މިޕްރޮޖެކްޓުގެތެރެއިން ރާއްޖޭގެ ހުރިހާ މަސް ދޯންޏެއްގައި މަދުވެގެން 2 މީހުންނަށް ކޮލިޓީ ހިފެހެޓުމުގެ ޓްރެއިނިން ދެވޭނެ،" ޒިޔާދު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ހުރިހާ ހަރަކާތްތަކަށް ފަންޑު ހަމަޖައްސައިދޭނީ ޖަޕާން ސަރުކާރުންނެވެ. މިޕްރޮޖެކްޓުގެ ދަށުން ހިންގާ ހަރަކާތްތައް 2024 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށްވަނީ ރާވާފައެވެ.