ވިޔަފާރި

ރަންދިހަ ފަހެއް ނޫޓް ސީރީސް ބޭނުންކުރަން ފަށައިފި


"ރަން
ދިހަ ފަހެއް"ގެ ނަމުގައި ތައްޔާރުކުރު އާ ނޫޓު
ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ނެރެ
ދެއްވުމާގުޅިގެން  މިއަދު ބޭނުންކުރަން
ފަށައިފި. އާ ނޫޓު ސީރީސް ބޭނުންކުރުން ރަސްމީކޮށް
އިފްތިތާހުކޮށްދެއްވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ
ރަސްމިއްޔާތެއްގައެވެ.



އަލަށް
ރާއްޖޭގައި ބޭނުންކުރަންފަށާ އެއްހާސްރުފިޔާގެ ތާރީޚީ ބަދަލާއެކު، މިއަދުން
ފެށިގެން ބޭންކުތަކުންނާއި އޭޓީއެމްތަކުން އާ ނޫޓު ލިބެން ހުންނާނެ. އާ ނޫޓުގެ
ފުރަތަމަ ވިޔަފާރި މުއާމަލާތް ކުރައްވާފައިވަނީ، އެމްއެމްއޭގެ
ގަވަރުނަރު އަޒީމާ އާދަމް ދަތުރުވެރިންގެ މާރުކޭޓުން ފަޅޮލެއް ބައްލަވައި
ގަތުމަށްފަހުއެވެ.



ޑރ.އަޒީމާ
އާދަމް ވިދާޅުވީ، މި ނޫޓުތައް ބޭނުންކުރަން ފަށާފައި މިވަނީ މުޅި
ރާއްޖެ މިކަމަށް ފުރިހަމައަށް ތައްޔާރުވުމަށްފަހު ކަމަށެވެ.



ފައިސާގެ
ނޫޓުތަކުގެ ސަލާމަތީ ސިފަތައް ވަރުގަދަކުރެވެން އޮތީ، ނޫޓުގެ ޑިޒައިން ބަދަލްކޮށްގެން ކަމަށާއި
އެގޮތުން މިއަދު މި ނެރުނު ނޫޓުތަަކަކީ ސަލާމަތީގޮތުން ރައްކާތެރިކަން
އިތުރުވެފައި މި ނޫޓުގެ ކޮލިޓީ ރަގަޅުވުމުން ފައިސާ އަވަހަށް ހަލާކުވުމުގެ
މައްސަލައާއި ގުޅިގެން ފައިސާ ޗާޕްކުރަން ކުރާ ހަރަދު ކުޑަކުރެވިގެން ދާނެކަން ގަވަރނަރ
ފާހަގަކުރެއްވިއެވެ. 



އަޒީމާ
ވިދާޅުވީ، މިހާރު ބޭނުންކުރަމުންދާ ފަސް ރުފިޔާގެ ފައިސާ ނޫޓްގެ ބަދަލުގައި
ބޭނުންކުރާނެ ފަސް ރުފިޔާގެ ފައިސާ ފޮތި މިއަހަރުގެ ފަހުކޮޅު ތައާރަފްކުރެވޭނެކަމަށެވެ.



 ކުުރީގެ ނޫޓުތައް ޖޫން 1 އާ ހަމަޔަށް
ބޭނުންކުރެވޭނެ ކަމަށާއި މިއަދުން ފެށިގެން ފަސް އަހަރުގެ މުއްދަތަކަށް އެމްއެމްއޭއިން
ކުރީގެ ނޫޓުތައް ބަލައިގަންނާނެ ކަމަށްވެސް އަޒީމާ ވިދާޅުވިއެވެ.



އަދި
މިހާރު ބޭނުންކުރަމުންދާ ދިވެހި ރުފިޔާގެ ނޫޓުތައް އާ ނޫޓަށް ބަދަލުކުރަން
ބޭނުންވާ މީހުންނަށް އެކަން ކުރާނެ އިންތިޒާމް ދަތުރުވެރިންގެ މާރުކޭޓުގައި އެމްއެމްއޭ
އިން ވަނީ ހަމަޖައްސައިފައެވެ. އެގޮތުން މިއަދު މެންދުރު ބާރަ ޖަހަންދެން އެ
ޙިދުމަތް ވަނީ، ދަތުރުވެރިންގެ މާރުކޭޓްގައި ދީފައެވެ. އެވަގުތު އެތަނުގައި
ގިނަ އަދަދެއްގެ ފަރާތްތަކަކުން އާ ނޫޓު ހޯދުމަށް ކިއު ހަދާފައި ތިބިކަން
ފާހަގަކޮށްލެވެއެވެ.