ފްރެންޗް ލީގުގެ ރެންއަށް ކުޅެމުން އަންނަ ނަޔެފް އަގުއާޑް ގެންދިޔުމާ ގާތަށް ވެސްޓް ހޭމް ޔުނައިޓެޑް ޖެހިލައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ވެސްޓް ހޭމުން މިހާރު ވަނީ ރެން އާއެކު 30 މިލިޔަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށް އެއްބަސްވެފައެވެ.
އުމުުރުން 26 އަހަރުގެ މި ކުޅުންތެރިޔާއަކީ ވެސްޓް ހޭމްގެ ކޯޗް ޑޭވިޑް މޮޔެސް، އެ ޓީމް ވަރުގަދަކުރުމަށް އެންމެ ބޮޑަށް ގެންނަން ބޭނުންވާ ކުޅުންތެރިޔާއެވެ. މޮރޮކޯއަށް ނިސްބަތްވާ މި ކުޅުންތެރިޔާ ވަނީ ޑިޖޮންއިން 2020 ވަނަ އަހަރު ރެންއަށް ބަދަލުވިފަހުން މިހާތަނަށް އެ ކްލަބަށް 66 މެޗް ކުޅެދީފައެވެ.
ސޯޝަލް މީޑިއާގައި ރެންގެ ސްޕޯޓަރުންނަށް އާންމުކުރި މެސެޖެއްގައި އަގުއާޑް ހާމަކުރިގޮތުގައި ރެން ދޫކޮށްލުމަކީ އޭނާ ނިންމަންޖެހުނު ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި، އޭނާ ރެންގައި ހޭދަކުރި މިދުވަސްކޮޅަކީ ވަރަށް ހިތްހަމަޖެހިގެން، ވަރަށް ރަނގަޅަށް ކުޅެވުނު ދުވަސްކޮޅެއް ކަމަށެވެ.
ބެލެވޭގޮތުގައި އަގުއާޑް މިރޭގެ ވަގުތެއްގައި ވެސްޓް ހޭމްގެ މެޑިކަލް ހަދާނެއެވެ. އަގުއާޑް ވެސްޓް ހޭމްއަށް ސޮއިކުރުމާއެކު އޭނާ ވެގެންދާނީ އެ ކުލަބުގައި ހަތަރު ވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.
އަގުއާޑް ވަނީ މޮރޮކޯގެ ގައުމީ ޓީމަށް މިހާތަނަށް 25 މެޗު ކުޅެދީފައެވެ. އަދި ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކޮންގޯއާ ދެކޮޅަށް ކުޅުނު ދެ މެޗުގައިވެސް އޭނާ ވަނީ ކުޅެފައެވެ.