ކުޅިވަރު

ގުޑީސް ބަލިކޮށް ސިފައިން ޕްލޭއޮފަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ލީގު ބުރުގެ ފަހު މެޗުގައި ގުޑީސް ސްޕޯޓްސް ކުލަބު ބަލިކޮށް، ޕްލޭއޮފުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ސިފައިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި ނަތީޖާއާއެކު މުބާރާތުން ޕޮލިސް ކުލަބު ކަޓައި، ސިފައިންނަށް ވަނީ ޕްލޭއޮފުގެ ޖާގައެއް ލިބިފައެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ގުޑީސް އާދައިގެ ގޮތަކަށް ފެނިގެންދިޔައިރު، މި ސެޓު ސިފައިން ގެންދިޔައީ 25-22 އިންނެވެ. އެކަމަކު މެޗުގެ ދެވަނަ ސެޓުގައި ގުޑީސްއިން ވަނީ އެ ޓީމުގެ ގޯސްތައް ރަނގަޅުކޮށް، މޮޅު ކުޅުމެއް ދައްކާފައެވެ. އެކަމަކު ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި ސެޓު ސިފައިން ފަހު ވަގުތު ކާމިޔާބުކުރީ 25-23 އިންނެވެ. މި މެޗުގެ ތިންވަނަ ސެޓު ފަށައިގެންވެސް ގުޑީސްއިން ހިތްވަރުކޮށް، ސިފައިންނަށް ރަނގަޅު ފައިޓެއް ދޭން މަސައްކަތްކުރިއެވެ. އެކަމަކު މި ސެޓު ސިފައިން ގެންދިޔައީ 25-22 އިންނެވެ.

މި ނަތީޖާއާއެކު ގައުމީ ވޮލީބޯޅަ ޓީމަށް މީގެ ކުރިން ކޯޗުކޮށްދިން ސާބިއާގެ މިލޮރަޑް ޖެސިކްގެ ކޯޗުކަމުގައި ކުޅުނު ގުޑީސް ވެގެންގޮސްފައިވަނީ މި ފަަހަރުގެ އެސޯސިއޭޝަން ކަޕުގައި މޮޅެއް ނުލިބި ނިންމާލަން ޖެހުނު ހަމައެކަނި ޓީމަށެވެ.

މި ފަހަރުގެ އެސޯސިއޭޝަން ކަޕުގެ ފޯމެޓް ރޭވިފައިވާ ގޮތުން ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމަށް ފައިނަލކުގެ ސީދާ ޖާގައެއް ލިބިގެންދެއެވެ. އަދި ދެވަނަ އާއި ތިންވަނަ ޕްލޭއޮފެއް ކުޅޭއިރު، މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބިގެންދާނެއެވެ. ލީގު ބުުރުގެ އެއް ވަނަ ހޯދައި ފައިނަލަށް ދިޔައީ ސިޓީއެވެ. ޕްލޭއޮފުގައި އަންގާރަ ދުވަހުގެރޭ ސިފައިން ކުޅޭނީ ކުލަބު ވެމްކޯއާއެވެ. އަދި ޕްލޭއޮފުން މޮޅުވާ ޓީމަކާއި ސިޓީ ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ.