ކުޅިވަރު

ގުރައިދޫ ޓާފް ދަނޑު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުއްވައިދެއްވައިފި


މި ސަރުކާރުން ކ. ގުރައިދޫގައި އެޅި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުއްވައިދެއްވައިފިއެވެ.

މި ދަނޑު ރަސްމީކޮށް ހުޅުވައިފައިވަނީ އެކަމަށްޓަކައި އާދީއްތަ ދުވަހުގެ ހަވީރު ގުރައިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެ ދަނޑާއެކު ހަނދާނަށް އަންނަނީ މީގެ ތިރީސް އަހަރުކުރިން ގުރައިދޫއަށް ފުޓްބޯޅަ ކުޅެން ގޮސް އުޅުނު ހަނދާންތައް އާވެގެންދިޔަ ކަމަށް ވިދާޅުވެފައެވެ. އަދި އޭރުވެސް މިހާރުވެސް ފެންނަނީ ގުރައިދޫއަކި އެކުވެރި ރައްޔިތުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު މަޚްލޫފް ވިދާޅުވީ ގުރައިދޫ ފުޓުބޯޅަ ދަނޑުގައި ރޮސްޓްރޮމެއްގެ އިތުރުން ލައިޓް ޖެހުން ކުރިޔަށްދާނެ ކަމަށާއި، އެއާއެކު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް އެ ދަނޑުގައި ކުޅެވޭނެ ކަމަށެވެ. އަދި ގުރައިދޫ ދަނޑު ނިންމާލެވުނީ އެންމެ ބޭނުންވި ސްޕީޑުގައި ނޫން ކަމަށާއި، ނަމަވެސް މަސައްކަތްތައް އެއްކޮށް ނިންމާލެވި، ދަނޑު ބޭނުން ކުރަން ފެށުމުން އުފާވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދަނޑު ހުޅުވުމަށްފަހު ވަނީ ގުރައިދޫގެ ވެޓަރަންސް ޓީމަކާއި ކުޅިވަރާ ބެހޭ ވުޒާރާއިން އެކުލަވާލި ޓީމެއްގެ މެދުގައި ފުޓްބޯޅަ މެޗެއް ކުޅެފައެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން އެކުލަވާލި ޓީމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި، ކުޅިވަރާ ބެހޭ ވަޒީރުގެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުޙައްމަދާއި ގޯލްޑަން ކެޕްޓަން އައްސަދު އަބްދުލް ޣަނީ ހިމެނެއެވެ. މި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑު އެޅުން ހިމެނެއެވެ. ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.