ޚަބަރު

ދަނޑުވެރިކަމުގެ ވިޔަފާރީގައި އުޅޭ ފަރާތްތަކާއެކު ގުޅުން އުފެއްދުމަށް ހަނިމާދޫގައި މައުރަޒެއް


ދަނޑުވެރިކަމުގެ ވިޔަފާރީގައި އުޅޭ ފަރާތްތަކާއެކު ވިޔަފާރީގެ ގުޅުން އުފެއްދުމަށް މޯލްޑިވްސް އެގްރި ބިޒްނަސް މަޝްރޫޢުން "ސަރަހައްދީ ދަނޑުވެރި-ވިޔަފާރީގެ މައުރަޒު"ގެ ނަމުގައި ހަނިމާދޫގައި މައުރަޒެއް ބާއްވައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހއ. ހދ. އަދި ށ. އަތޮޅަށް އަމާޒުކޮށްގެން ބޭއްވި މައުރަޒެކެވެ. މި މައުރަޒުގެ މަޤްސަދަކީ ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ ވިޔަފާރީގައި އުޅުއްވާ ފަރާތްތަކާއެކު ވިޔަފާރީގެ ގުޅުން އުފެއްދުމަށް މަގުފަހިކޮށްދިނުމެވެ.

1 ދުވަހަށް ކުރިއަށްދިޔަ މި މައުރަޒު ހުޅުއްވާދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ޙަޞަންއެވެ. މިމަޢުރަޒު ހުޅުއްވާދެއްވަމުން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ކުޑަބިންކޮޅަކުން އެންމެ އެދެވޭ ނަފާއެއް ނެރެވޭ ގޮތަށް ދަނޑުވެރިކަމުގެ މަސައްކަތްތައް ބައްޓަންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއެކު ދަނޑުވެރި އުފެއްދުންތައް ގަނެ ވިއްކުމުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ދަނޑުވެރިންނާއި ދެމެދު ވިޔަފާރީގެ ގުޅުންތައް އުފައްދާ، ތަކެތި ގަންނަ ފަރާތްތަކުން ބޭނުންވާ ބާވަތްތައް، ބޭނުންވާ ފެންވަރުގައި އުފައްދާ ބާޒާރަށް ނެރެމުން ގެންދިއުމުގެ މުހިންމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިމައުރަޒުގައި ހއ. ހދ. އަދި ށ. އަތޮޅުގެ 26 ރަށަކުން ދަނޑުވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ދައުވަތު ދިންކަމަށެވެ. އަދި މި މައުރަޒުގައި ޖުމްލަ 20 ރަށަކުން ވަނީ ބައިވެރިވެފައެވެ. މިއިން ކޮންމެ ރަށަކަށް މި މަޢުރަޒުން ވަނީ ސްޓޯލެއް ކަނޑައަޅާފައެވެ.

ދަނޑުވެރިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދެއްވުމުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކަށްވެސް މި މަޢުރަޒުގައި ވަނީ ސްޓޯލްތަކެއް ޚާއްޞަކޮށްފައެވެ. މި މައުރަޒުގައި މިފަދަ 4 ވިޔަފާރިއަކުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ލޯނު ދޫކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ މުޢައްޞަސާ ކަމަށްވާ އެސް.ޑީ.އެފް.ސީންނާއި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުންވެސްވަނީ މިމަޢުރަޒުގައި ބައިވެރިވެފައެވެ.

މި މަޢުރަޒުގައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރާއި، ދަނޑުވެރިކަމުގެ ސާމާނު ވިއްކާ ފަރާތްތަކާއި ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަ ފަރާތްތަކުންވަނީ މައުލޫމާތު ދިނުމުގެ ތަފާތު ސެޝަންތައްވެސް ބާއްވާފައެވެ. އަދި ދަނޑުވެރިންނާއި، ދަނޑުވެރިކަމުގައި ބޭނުންކުރާ ސާމާނު ވިއްކާ ފަރާތްތަކުގެ އިތުރުން ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނަ ފަރާތްތަކާއި ދެމެދު ގުޅުން ބަދަހިކޮށް ބޭނުންވާ މައުލޫމާތު ބަދަލު ކުރެވޭނެ އިންތިޒާމު މި މަޢުރަޒުގައި ވަނީ ހަމަޖައްސައިދީފައެވެ. މި މަޢުރަޒުގައި ބައިވެރިވި 4 ރަށަކުން ވަނީ ދަނޑުވެރިކަމުގެ ސާމާނު ވިއްކާ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މި މަޢުރަޒުގެ ސަބަބުން ދަނޑުވެރިންނާއި ގަސްކާނާ އާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ސާމާނު ވިއްކާ ފަރާތްތައް އެއްބަޔަކު އަނެއް ބަޔަކަށް އަހުލުވެރިވެ، ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނަ ފަރާތްތަކުން ބޭނުންވާ ކަންކަން، ނުވަތަ އުފެއްދުންތަކާމެދު ދެކޭ ގޮތް ދަނޑުވެރިންނަށް އެނގިގެންދާނެ ކަމަށް އުންމީދު ކުރާކަމަށެވެ. އަދި މިމަޢުރަޒުގެ ސަބަބުން ދަނޑުވެރިންނާއި، ކަމާގުޅުންހުރި ފަރާތްތަކާއެކު ވިޔަފާރީގެ ހަރުދަނާ ގުޅުންތަކެއް ޤާއިމްކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.