ޚަބަރު

ސިޔާސީ ޕާޓީތަކުގެ ޚަރަދުތައް ބެލުމަށް އީސީން ޕާޓީތަކުގެ އޮފީސްތަކަށް


ސިޔާސީ ޕާޓީތަކަށް ލިބޭ އާމްދަނީއާއި ޚަރަދުތައް ބަލަހައްޓަމުންދަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާ އެއްގޮތައްތޯ ކަށަވަރުކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ސިޔާސީ ޕާޓީއަށް ލިބޭ އާމްދަނީއާއި ޚަރަދު ޕާޓީތަކުން ބަލަހައްޓަމުންދަނީ ސިޔާސީ ޕާޓީގެ ޤާނޫނޫނާއި އެއްގޮތަށްތޯ ބެލުމުގެ ގޮތުން، އެކޮމިޝަންގެ އިންޓަރނަލް އޮޑިޓް ޓީމެއް ދައުލަތުން ފައިސާ ދޭ 4 ޕާޓީގެ އޮފީހަށް ދާގޮތަށް ކޮމިޝަނުން ހަމަޖައްސައި އެކަން ފަށާފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އެބައޮތެވެ. ނަމަވެސް ދައުލަތުން ފައިސާ ދޫކުރަނީ ޤާނޫނުގައިވާގޮތަށް 10،000 މެންބަރުން ހަމަވާ 4 ސިޔާސީ ޕާޓީއަކަށެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ޢަދާލަތު ޕާޓީއަށެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންޓަރނަލް އޮޑިޓް ޓީމުން ބަލާނީ އެ ހަތަރު ސިޔާސީ ޕާޓީން ޚަރަދުތައް ކުރާގޮތްކަމަށެވެ. އަދި އެޕާޓީތަކުން ޚަރަދުކުރާގޮތް ބަލަމުންދާނީ ސިޔާސީ ޕާޓީތައް ރަޖިސްޓްރީކޮށްފައިވާ ތަރުތީބުންކަމަށާއި، އެންމެ ފުރަތަމަ އޮޑިޓު ޓީމުން ދާނީ އެންމެ ގިނަ ދުވަސްވީ ޕާޓީކަމަށްވާ އެމްޑީޕީގެ އޮފީހަށްކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި ސިޔާސީ ޕާޓީތަކަށް ލިބޭ އާމްދަނީއާއި އެޕާޓީތަކުން ކުރާ ޚަރަދުތައް ހިމެނޭ ލިޔެކިޔުމަކީ ކޮންމެ ވަގުތެއްގައިވެސް އިލެކްޝަންސް ކޮމިޝަނަށް ބެލޭނެ ލިޔެކިޔުންތަކެކެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއަކުން ޤާނޫނާ ޚިލާފަށް ފައިސާއާއި ތަކެތި ހޯދައިފިނަމަ އަގުގެ ދެގުނައަށްވުރެ ބޮޑުނޫން ޢަދަދަކުން އެޕާޓީއެއް ޖޫރިމަނާކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާކަމަށް ޤާނޫނުގައި ބަޔާންކުރެއެވެ. އަދި އެ ލިޔެކިޔުންތައް އެއްވެސް ސިޔާސީ ޕާޓީއަކުން ބަލަހައްޓަމުން ނުދާނަމަ ނުވަތަ އިލެކްޝަންސް ކޮމިޝަނަށް މާލީ ރިޕޯޓް ހުށަނާޅައިފިނަމަ 20،000ރުފިޔާއާއި 50،000ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.

ސިޔާސީ ޕާޓިތަކަށް ފައިސާދިނުމުގެ އުސޫލަށް އިސްލާހު ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އިލްކްޝަންސް ކޮމިޝަންއިން ޑްރާފްޓުކުރި ބިލުގައިވާގޮތުން ޕާޓިތަކުގެ މެންބަރުންގެ އަދަދަށް ފައިސާ ދިނުމަގެ ބަދަލުގައި ޕާޓިތަކަށްލިބޭ ވޯޓުގެ އަދަދަށް ބަލައި ފައިސާދިނުމަށް ވަނީ ބަޔާންކޮށްފައެވެ.