ޚަބަރު

ސްޓެލްކޯގެ ޚިދުމަތަށް 25 އަހަރު، ކުންފުނި އާ ވިސްނުންތަކަށް


ރާއްޖޭގައި ހަކަތައިގެ ޚިދުމަތްދޭން ފެށިތާ 73 އަހަރުވަނީ ފުރިފައެވެ. އެކި ނަންނަމުގައި އެކި ދުވަސްވަރު ޚިދުމަތް ދެމުން އައިސް، ހަކަތައިގެ މައި ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ވުޖޫދުވީ 1997ވަނަ އަހަރުއެވެ.

މިއަދު ފާހަގަކުރަނީ ރާއްޖޭގެ ހަކަތައިގެ އެންމެ ބޮޑު ކުންފުންޏަށް 25 އަހަރު ފުރުމެވެ. ރާއްޖެއަކީ 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ލިބޭ ޤައުމެއްގެ ގޮތުގައި އޮތުމާއި އަދި ހަކަތައިގެ ޒަމާނީ އާ ގޮތްތައް ރާއްޖެއަށް ތަޢާރަފްކުރި މައި ކުންފުންޏެވެ.

ސްޓެލްކޯއިންވަނީ ވޭތުވެ ދިޔަ 25 އަހަރު މި ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެކިއެކި ބަދަލުތަކާއެކު ސްޓެލްކޯއިން މިހާރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ މާލެ ސަރަޙައްދާއި އަދި، ގްރޭޓަރ މާލެ ސަރަޙައްދުގައި ހިމަނާފައިވާ އއ، އދ، ކ، އަތޮޅުގެ ރަށްތަކަށެވެ. އެއީ 35 ރަށެވެ.

ސްޓެލްކޯގެ އެންމެބޮޑު ޒިންމާއެއް އޮތީ މާލޭގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމެވެ. މިއީ މުޅި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި އާބާދީއެވެ.

މާލޭ ސަރަޙައްދުގެ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް 94 މެގަވޮޓްގެ ކަރަންޓު އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި މިހާރު ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ހުޅުމާލޭގައި 53 މެގަވޮޓްގެ ކަރަންޓު ޤާއިމުކޮށް އަންނަނީ ޚިދުމަތް ދެމުންނެވެ.

މާލެ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް ސްޓެލްކޯއިން މިހާތަނަށް ކުރިއަށްގެންދިޔަ އެންމެބޮޑު މަޝްރޫޢުއަކީ ހުޅުމާލެ ފިފްތް ޕަވަރ ޕްރޮޖެކްޓާއި މާލެ ސަރަޙައްދުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ކުރިއަށްގެންދިޔަ އިންޓަރކަނެކްޝަން މަޝްރޫޢެވެ. މި ދެ މަޝްރޫޢުގެ މަސައްކަތް ނިިމި މިހާރު މިވަނީ ޚިދުމަތްދޭން ފަށާފައެވެ. އިންޓަރ ކަނެކްޝަން މަޝްރޫޢަކީ މާލެއާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލާފައިވާ މަޝްރޫޢުއެކެވެ. މީގެ އެންމެބޮޑު ބޭނުމަކީ އެއް އަވަށުން ކަރަންޓު ދާ ޙާލަތުގައި އަނެއް އަވަށުން ކަރަންޓު ފޯރުކޮށްދެވޭނެ ވިއުގައެއް ގާއިމުވުމެވެ.

ފިފްތް ޕަވަރ ޕްރޮޖެކްޓްޓަކީވެސް 50 މެގަވޮޓްގެ ޕަވަރ ހައުސްއެކެވެ. އަދި އެ ކުންފުނިން މިހާރު ތައްޔާރުވަމުންދަނީ ރާއްޖޭގައި ކުރިއަށްގެންދާ ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢު ފެށުމަށެވެ. އެއީ ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ 100 މެގަވޮޓްގެ އިންޖީނުގޭގެ މަސައްކަތެވެ. މިއީ ހުޅުމާލޭ ދެވަނަ ފިޔަވައްސާއިއެކު، މި ސަރަޙައްދުގެ ކަރަންޓުގެ ޑިމާންޑަށް ބަލައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުއެކެވެ.

ސްޓެލްކޯއިން އަންނަނީ އަތޮޅުތަކުގެ 35 ރަށަކަށް ކަރަންޓު ފޯރުކޮށްދެމުންނެވެ. އެއީ 38 މެގަވޮޓްގެ ކެޕޭސިޓީއެވެ. އެ ކުންފުނިންދަނީ އަތޮޅުތަކުގެ އިންޖީނުގެތަށްވެސް ޒަމާނީ ގޮތްތަކަށް ބަދަލުކުރަމުންނެވެ. މިގޮތުން ޒަމާނީ 6 އިންޖީނުގެއެއް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، މިތަންތަން ވެގެންދާނީ އެ ރަށްރަށުގެ ފާހަގަކޮށްލެވޭ ފަދަ ޒަމާނީ ލޭންޑްމާރކް ތަކަކަށެވެ.

ސްޓެލްކޯގެ އަމާޒުވެސް މިހާރު ހުރީ ތިމާވެއްޓާ ރަށްޓެހިގޮތްކަށް އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށެވެ. އެގޮތުން ސްޓެލްކޯގެ ޚިދުމަތްދޭ 35 ރަށުގެ ތެރެއިން 20 ރަށެއްގައި ސޯލާ ޕެނަލް ހަރުކޮށް، އެއިން އަންނަނީ ހަކަތަ އުފައްދަމުންނެވެ.

ރާއްޖޭގެ މާހައުލަށް ހާއްސަކޮށްގެން ސްޓެލްކޯއިން ފަރުމާކޮށްފައިވާ އަމިއްލަ އުފެއްދުމެއް ކަމަށްވާ ފޮލޯޓިންގ ސޯލާޕޮޑްގެ ޓެސްޓިން މަރުހަލާތައްވެސް މިހާރު ދަނީ ކުރިއަށެވެ.

ސްޓެލްކޯއިން ދަނީ ޔުޓިލިޓީގެ އިތުރު ޚިދުމަތްތަކަށްވެސް ވަންނަމުންނެވެ. އެގޮތުން 7 ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ސްޓެލްކޯއިން އަންނަނީ ދެމުންނެވެ. އަދި ބައެއް ރަށްރަށުގެ ކުނި މެނޭޖުކުރުމާ ޙަވާލުވުމުގެ މަސައްކަތްތައްވެސް މިހާރު ކުރަމުންދާކަމަށް އެ ކުންފުނިން މަޢުލޫމާތުދެއްވައެވެ.