ޚަބަރު

ކޮމިޓީން ލަފާދިނީ ޤާނޫނު އިޞްލާހުކޮށްގެންވެސް "އިންޑިއާ އައުޓް" ހުއްޓުވުމަށް


އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ޤާނޫނީ ގޮތުން ހުރަސްތަކެއް ދިމާވާކަމަށް ދައުލަތުގެ އިދާރާތަކަށާއި، ސަލާމަތީ ޚިދުމަތްތަކަށް ފެންނަނަމަ، ކަމާ ގުޅުންހުރި ޤާނޫނުތައް އިޞްލާހުކުރުމަށް ލަފާދިނުމަށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)އިން ފާސްކޮށްފިއެވެ. އިންޑިއާ އައުޓް ޙަރަކާތަކީ އެކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކަލެއްކަމަށް ޤަބޫލުކުރެއްވޭކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް ކޮމިޓީގައި އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

މި މައްސަލަ ދިރާސާކޮށް 241 ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވަނީ މައިގަނޑު 24 ހޯދުމެއް ހިމަނާފައެވެ. އޭގެތެރޭގައި ވުޒާރާތަކުންނާއި ސަލާމަތީ ޚިދުމަތްތަކުން ހުށަހެޅި ކަންކަންވެސް ހިމެނެއެވެ. އޭގެތެރޭގައި އިންޑިއާ އައުޓްގެ ނަމުގައި ސޯޝަލް މީޑިއާގައި ބޭނުންކުރެވޭ ތަފާތު އިބާރާތްތަކުގެ ސަބަބުން، ނުވަތަ ކަންތައް ކުރެވޭ ގޮތުން އެކި އިންޒާރުދީ އަނިއާވެރިކަމަށް ގޮވާލެވޭގޮތަށް ކަންކަން ވަމުންދާކަން ފާހަގަކުރެވޭކަމަށާ، އެއީ އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑު ނިކަމެތިކަމެއް ކުރިމަތިވެދާނެ ކަމެއްކަން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ފާހަގަކުރައްވާފައިވާކަމަށް ކޮމިޓީ ރިޕޯޓްގައިވެއެވެ.

އިންޑިއާ އައުޓުގެ ނަމުގައި ހިންގާ ޙަރަކާތުގެ ސަބަބުން ބޭސްފަރުވާއާއި، އެނޫންވެސް އެކިއެކި ބޭނުންތަކަށް އިންޑިއާއަށްދާ ދިވެހިންނަށާއި، އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ފާހަގަކުރައްވާފައިވާކަމަށްވެސް ކޮމިޓީ ރިޕޯޓްގައިވެއެވެ. ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ދިރާސާކޮށް އެކުލަވާލި މި ރިޕޯޓްގައި މިޙަރަކާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ރައްޔިތުންނަށް ބޮޑެތި ގެއްލުންވާފަދަ ކަންކަން ކުރަމުންދާކަމަށާ، އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށާއި، ޤައުމުގެ ދާޚިލީ ހަމަޖެހުމާއި ސަލާމަތަށް އޭގެ ނުރަނގަޅު އަސަރު ފޯރުމަކީ ވަރަށްބޮޑަށް އެކަށީގެންވާކަމެއްކަން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ފާހަގަކުރައްވާފައިވެއެވެ. އަދި ރައްޔިތުންގެ އަމަންއަމާންކަމަށް ބުރޫއެރުން ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންގެ ފަރާތުން އަޅަމުންދާ އެކި ފިޔަވަޅުތަކަށް، މި ޙަރަކާތުގައި ބައިވެރިވާ ފަރުދުންގެ ފަރާތުން ނުކިޔަމަންތެރިވުންފަދަ ކަންކަމާ ކުރިމަތިލާންޖެހޭކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން މިޙަރަކާތުގެ ތެރޭގައި ތަފާތު އެކި ކުށްކުރުމުގެ ރެކޯޑް އޮންނަ މީހުން ޙަރަކާތްތެރިވަމުން ދާކަން ފާހަގަކުރެވޭކަމަށާ، އެކަމުގެ ސަބަބުން ނުރައްކާތެރި ޢަމަލުތައް ހިނގުން ގާތްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފާހަގަކުރައްވާފައިވެއެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ރައްކާތެރިކަމަށާއި ޤައުމުގެ ދާޚިލީ ހަމަޖެހުމާއި ސަލާމަތަށް ނުރަނގަޅު އަސަރުތަކެއް ފޯރުން ވަރަށް އެކަށީގެންވާކަމަށްވެސް ފުލުހުން ކޮމިޓީގައި ވިދާޅުވެފައިވެއެވެ. އަދި މި ޙަރަކާތަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާއި އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތްއި ރައްކާތެރިކަމަށް ގެއްލުންވާ ގޮތަށް މިފަހުގެ ތާރީޚުގައި ހިންގާތީފެނުނު އެންމެ ނުރައްކާތެރި ކެމްޕެއިންކަމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ކޮމިޓީގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުިރުންވެސް ސަލާމަތީ ޚިދުމަތްތަކާއި ވުޒާރާރަކުން ހުށަހެޅި ކަންކަމަށް ރިޔާއަތްކުރައްވައި ކޮމިޓީން ނިންމީ އިންޑިއާ އައުޓްގެ ނަމުގައި ހިންގަމުން އަންނަ ޙަރަކާތަކީ އެކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ އަދި ދިވެހިރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ސަބަބުން ނުރަނގަޅު އަސަރުކުރާނެ ކަމެއްކަމަށެވެ. އަދި ބައިނަލްއގްވާމީ ގުޅުންތަކަށް ހީނަރުކަން އަންނާނެކަމެއްކަމަށާއި، ގާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން އެ ޙަރަކާތް ހުއްޓުވުމަށް ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއި ސަލާމަތީ ޚިދުމަތްތަކުން މަސައްކަތްކުރުމަށް ހުށައެޅުމަށްވެސް ކޮމިޓީގެ ނިންމުމުގައިވެއެވެ. އަދި އިންޑިއާ އައުޓްގެ ނަމުގައި ހިނގާ ޙަރަކާތް ހުއްޓުވުމަށް ގާނޫނީގޮތުން ހުރަސްތަކެއް ދިމާވާކަމަށް ދައުލަތުގެ އިދާރާތަކަށާއި ސަލާމަތީ ޚިދުމަތްތަކަށް ފެންނަނަމަ، ކަމާގުޅޭ ގާނޫނުތައް އިޞްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ލަފާދިނުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.