ގައުމީ ޓޭބަލް ޓެނިސް(ޓީޓީ) ޓީމު ތަމްރީނުތަކަށް ޔޫރަޕަށް ގޮސްފިއެވެ.
ޓީޓީ ޓީމު ތަމްރީނުތަކަށް ޔޫރަޕަށް ގޮސްފައި މިވަނީ އަންނަ އޮގަސްޓު މަހު ތުރުކީގައި ފަށާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުންނެވެ. މިއީ ރާއްޖޭގެ ޓީޓީ ޓީމަކުން ތަމްރީނުތަކަށް ޔޫރަޕަށް ދަތުރުކުރާނެ ފުރަތަމަ ފަހަރެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ކުރިން ޓީޓީ ޓީމު ތަމްރީނުތައް ފުރިހަމަ ކުރާނީ ކްރޮއޭޝިއާގައެވެ. މިއީ މިއަހަރު ކުރިއަށްދިޔަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ބައިވެރިވުމަށް ރާއްޖެ އައި ކްރޮއޭޝިއާގެ ޒޮރާންއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ލިބުނު ދަތުރެކެވެ.
ކްރޮއޭޝިއާއަށް ތަމްރީނު ހަދަން ދިޔަ ޓީމުގައި ހިމެނެނީ ތިން ކުޅުންތެރިންނާއި ގައުމީ ޖޫނިއާ ޓީމުގެ އެސިސްޓެންޓް ކޯޗު ޖުމާނާ ނިމާލްއެވެ. މި ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ޒުވާން ޓީޓީ ތަރި އާއިޝަތު ރަފާ ނާޒިމް، މިޝްކާ މުޙައްމަދު އަދި މަލާކް ބިންތް މުއިއްޒުއެވެ.
މީގެ ކުރިން މިއަހަރު ރާއްޖޭގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޖޫނިއާ ޓީމު ތަމްރީން ހަދަމުން ދަނިކޮށް ކްރޮއޭޝިއާގެ ޓީޓީ ޓީމުގެ ދެ ކުޅުންތެރިންވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އެ ގައުމުގެ ކޯޗަކުވެސް ވަނީ ރާއްޖޭގެ ތަމްރީނުތަކާއި ގުޅިފައެވެ. އެ މުބާރާތުގެ ކެޑޭޓް ކެޓަގަރީގެ ފައިނަލުގައި ރާއްޖޭގެ އެއް ނަމްބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ކުޅެފައެވެ. މީގެ އިތުރުން އެ މުބާރާތުގެ ޓީމް އިވެންޓުން ތިންވަނަ ރާއްޖެއިން ވަނީ ހޯދައިފައެވެ.