ކުޅިވަރު

ފުރަތަމަ ފަހަރަށް ސިޓީ ފައިނަލަށް، ޕޮލިސް ބަލިކޮށް ވެމްކޯ ޕްލޭއޮފަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އެސޯސިއޭޝަން ކަޕުގެ ލީގު ބުރުގެ އެއްވަނަ ހޯދާ ފުރަތަމަ ފަހަރަށް ސްޕޯޓްސް ކުލަބް ސިޓީން ފައިނަލަށް ދަތުރުކުރިއިރު، ޕޮލިސް ކުލަބް ބަލިކޮށް ކުލަބް ވެމްކޯއިން ޕްލޭއޮފްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ހޮނިހިރު ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗު އޮފު އެފްސީގެ މައްޗަށް ސިޓީން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ދެ ސެޓުގައި އޮފު އެފްސީއަށް މާކަ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، މި ދެ ސެޓު ސިޓީން ވަނީ ފަސޭހަކަމާއެކު 25-12 އަދި 25-13 އިން ކާމިޔާބުކޮށްފައެވެ.

މެޗުގެ ފަހު ސެޓުގައި ސިޓީން ވަނީ އެ ޓީމުގެ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. އެގޮތުން ބިދޭސީ ސެޓަރު ވިނާޔަކު ރޯކަޅޭގެ ބަދަލުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ސެޓަރު ކަމުގައިވާ އިޝާން މުޙައްމަދު (ބަޓިސް) ކުޅެން އެރުވިއެވެ. މި ސެޓު ފަށައިގެން އޮފުން ވަނީ ލީޑު ނަގައިގެން ކުޅެފައެވެ. އެކަމަކު ސެޓުގެ ފަހު ކޮޅު އޮފު ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގާ ސިޓީން ވަނީ 27-25 އިން މި ސެޓު ގެންގޮސްފައެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ވެމްކޯއިން ޕޮލިހުގެ މައްޗަށް ކުރިހޯދީ ފަހަތުން އަރައި، 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ޕޮލިހުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ މާއިޝް އަޙްމަދާއި، ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ އަނޫ ޖޭމްސް އާއި އަކިން އައްމާލްގެ މޮޅު ކުޅުމާއެކު މި ސެޓު އެޓީމުން ވަނީ 25-20 އިން ކާމިޔާބު ކޮށްފައެވެ.

މެޗުގައި ޕޮލިހަށް މައްސަލައާ ދިމާވީ ދެވަނަ ސެޓުގައި ވަރަށް ވާދަވެރިކޮށް ދަނިކޮށް އަކިން ކުރި އެޓޭކް ވެމްކޯ ކުޅުންތެރިއެއް ގައިގައި ޖެހިފައި ބޯޅަ ބޭރަށް ދިޔަކަމަށް އޭނާ އެޕީލް ކުރިނަމަވެސް ރެފްރީ ގައިގައި ނުޖެހޭ ކަމަށް ނިންމުމުންނެވެ. އެކަމާ ހިތްހަމަ ނުޖެހުން އަކިން ފާޅުކުރުމާއެކު އޭނާއަށް ރެފްރީ ވަނީ ކާޑު ދައްކައި ސެޓުގައި ނުކުޅެވޭ ގޮތަށް ފޮނުވާލައިފައެވެ. މި ސެޓު ވާދަވެރި ކުޅުމަކަށްފަހު ވެމްކޯއިން ކާމިޔާބުކުރީ 26-24 އިންނެވެ.

ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓުގައި ވެމްކޯއިން ކޮންޓްރޯލް ކޮށްގެން ބޮޑު ލީޑެއްގައި އޮވެގެން ކުޅުނުއިރު މި ދެސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-18 އަދި 25-14 އިންނެވެ.

މި މުބާރާތުގެ ފައިނަލަށް ސިޓީ ދަތުރުކުރީ ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ވެމްކޯ ޕްލޭއޮފުގެ ޖާގަ ލިބިފައިވަނީ ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ޕްލޭ އޮފުގެ ދެވަނަ ޖާގަ ކަށަވަރުވާނީ ގުޑީސް އާއި ދިވެހި ސިފައިންގެ ކުލަބް ބައްދަލުކުރާ މެޗަށް ފަހުއެވެ. އެ މެޗުގައި ސިފައިން ދެ ސެޓު ގެންދިޔައަސް އެޓީމަށް ޕްލޭ އޮފުގެ ޖާގަ ލިބޭނެއެވެ.