ޚަބަރު

ދަރަނބޫދޫގައި ކުރިން ބޭނުންކުރި މިސްކިތް 2017ގައި ވަނީ ބަންދުކޮށްފައި: މިނިސްޓްރީ


ފ. ދަރަނބޫދޫގައި މިސްކިތެއްގެ ގޮތުގައި ކުރިން ބޭނުންކުރި އިމާރާތަކީ ބަންދުކޮށްފައިވާ މިސްކިތެއްކަމަށާއި އެތަނުގައި ޤުރުއާން ކްލާހެއް ހިންގުމަށް ކައުންސިލްގެ އެދުމުގެ މަތިން އެއިމާރާތް ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިމިސްކިތް ބަންދުކޮށްފައިވަނީ ދަރަނބޫދޫގައި އަލަށް އިމާރާތްކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުންކުރަން ފެށުމުންނެވެ.

ފ. ދަރަނބޫދޫގައި ކުރިން މިސްކިތެއްގެ ގޮތުގައި ބޭނުންކުރި މިއިމާރާތުގައި ބިދޭސީ މަސައްކަތު މީހުން އުޅޭ ވީޑިއޯއެއް ސޯޝަލް މިޑިއާގައި އާއްމުވުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ މިސްކިތް ބަންދުކުރެވުނު ހިސާބުން ފެށިގެން އެއިމާރާތް ކައުންސިލާ ހަވާލުކުރެވުނު ކަމަށެވެ. އަދި މިސްކިތް ބަންދުކުރިފަހުން އެތަނުގައި ޤުރުއާން ކްލާސް ހިންގިކަން މިނިސްޓްރީއަށް އެނގިފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެތަނުގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ދިިރިއުޅެމުންދާފަދަ މަންޒަރުތައް ފެނެއެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން މިސްކިތްތެރޭގައި އޮށޯވެ ތިބޭ މަންޒަރާއި، މިއިމާރާތުގެ ގޯތިތެރެއާއި ވަޅުމަތީގައި އަންނައުނު ހިއްކަން އަޅާފައި ހުރި މަންޒަރުވެސް މިވީޑިއޯއިން ފެނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއިމާރާތުގައި ދިރިއުޅެމުންދަނީ އެރަށުގައި ހިންގާ ނަރުދަމާގެ މަޝްރޫއަށް ގެނެސްފައިވާ ބައެކެވެ.