ޚަބަރު

ހޮޅުދޫ ފެނުގެ މަޝްރޫޢު ނިމުމާއެކު، މަގުހެދުމުގެ މަޝްރޫޢު ފެށޭނެ: ރައީސް


ނ.ހޮޅުދޫގެ ފެނުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް، ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ހޮޅުދޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ހޮޅުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ހޮޅުދޫގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން މޭނާ ސްކޫލު އެއް ކެންޕަސްއަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުންނާއި، ކުޅިވަރު މަރުކަޒެއް ބިނާކުރުމާއި، ހޮޅުމީދޫ ތަރައްޤީކުރުމާއި ގުޅޭގޮތުންނާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި އަދި ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރަން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ އައު އިމާރާތާއި ގުޅޭގޮތުން ކައުންސިލުން ހުރި ކަންބޮޑުވުންތަކާއި ހޮޅުދުއަށް ޖާގަ ބޮޑު މިސްކިތެއްގެ މުހިންމުކަމާއި ފުލުހުންގެ އިމާރާތުގެ މަސައްކަތް އަވަހަށް ފެށުމާ ގުޅޭގޮތުންނާއި އަދި މި ނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަމާ ބެހޭގޮތުން ކައުންސިލްގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޭނާ ސްކޫލް އެއް ކެންޕަސްއަކަށް ބަދަލުކުރުމުގެ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިޔަށްދާނެކަމަށެވެ. އަދި ހޮޅުމީދޫގެ ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރެވުމުން އެ ރަށުގައި ސަރުކާރުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށް ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ފެނުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ހޮޅުދޫގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް، ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމުގެ މަޝްރޫޢުވެސް ބަޖެޓުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހޮޅުދޫ ފުލުހުންގެ އިމާރާތަށް ބޭނުންވާ ވަޞީލަތްތަކާއެކު ޤާއިމުކޮށް އެ މަސައްކަތްވެސް ކަނޑައެޅިފައިވާގޮތަށް ކުރިޔަށް ގެންދަވާނެކަމުގައި މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ވެސް ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.