ޚަބަރު

ބްރިޖްގެ މާލޭ ސައިޓްގައި ހުރި މުދާފަދަ ތަކެތި ނެގުމަށް އަންގައިފި


ބްރިޖް މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރުމަށް އުސްފަސްގަނޑާއި، ހެންވޭރު ޕާކު ސަރަޙައްދުގައި ފެންސް ޖެހުމަށް ނިންމާފައިވާތީ އެ ސަރަހައްދުތަކުގައި ހުރި އަމިއްލަ ފަރާތްތަކުގެ ތަކެތި ނެގުމަށް ހައުސިން މިނިސްޓްރީން އަންގަވައިފިއެވެ.އުސްފަސްގަނޑާއި، ހެންވޭރު ޕާކުގެ ދެކުނު ކޮޅުން ފެށިގެން ލޮނުޒިޔާރަތްމަގާ ހަމައަށްވާ ސަރަޙައްދު ވަނީ ބްރިޖްގެ މާލެ ސައިޓްގެެ ގޮތުގައި ބޭނުން ކުރުމަށް ނިންމާ ބްރިޖްގެ ކޮންޓްރެކްޓަރ، ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކުންފުންޏަށް ވަގުތީ ގޮތުން އެ ސަރަޙައްދު ހަވާލުކުރައްވާފައެވެ.ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އަބްދުﷲ ޝަރީފް ވިދާޅުވީ،  ފެންސް ޖެހުމަށްފަހު އެ ސަރަޙައްދު ވަކި ކުރުމަށް ނިންމާފައިވާތީ، އެ ސަރަޙައްދުގައި ހުރި އަމިއްލަ ފަރާތްތަކުގެ މުދަލާއި، ތަކެތި ނެގުމަށް މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތެއް އެފަރާތްތަކަށް ދެއްވާފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ތަކެތި ނުނަންގަވައިފިނަމަ އެ ތަކެއްޗަށް ހައުސިންގ މިނިސްޓްރީން ޒިންމާ ނުވާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.ލޮނު ޒިޔާރަތްކޮޅާއި، އުސްފަސްގަނޑު ހިމެނޭ ސަރަހައްދުގައި އަމިއްލަ ފަރާތްތަކުގެ އިންޖީނުލީ އުޅަނދުފަހަރާއި، ކުޅިވަރު ކުޅުމަށް ބޭނުންކުރާ ބައެއް ސާމާނު ހުރިކަން ފާހަގަކުރެވޭކަމަށް ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ ވިދާޅުވިއެވެ. ބްރިޖް ހެދުމުގެ މަސައްކަތުގައި މިވަގުތު ކުރިއަށްދަނީ އުސް ފަސްގަނޑުގައި ލޭބަރ ކުއާޓާއެއް ހެދުމުގެ މަސައްކަތެވެ.ބްރިޖްގެ  އަމަލީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ޕައިލްސް ތަކާއި، ރިގުތައް މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ ފެބްރުއަރީ މަހުގެ ކުރީ ކޮޅު ރާއްޖެ ގެނޭވެނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.