ޚަބަރު

ޢުމުރުން ދުވަސްވުމާއެކު ބާކީވުމުގެ ހިތްދަތި އިޙްސާސް!


ތުއްތު ކުއްޖަކު ބަލައި ބޮޑުކުރުމަކީ އެތައް ތަކުލީފަކާއި ވޭނަކާއެކު، އިންތިހާ ދަރަޖައިގެ އޯގަތެރިކަމާއި ލޯތްބިން މައިންބަފައިން އުފުލާ ޒިންމާއެކެވެ. މަދުންނަމަވެސް ތުއްތު ކުދިންނަށް އަޅާނުލާ މައިންބަފައިންގެ ވާހަކަ މުޖުތަމަޢު ތެރެއިން އިވުނެއްކަމަކު، ޠަބީޢަތަކީ ނުވަތަ ޢާއްމު ހަގީގަތަކީ ދަރިންނަށްޓަކައި މައިންބަފައިން ޤުރުބާންވާކަމެވެ. މިދެންނެވި މައިންބަފައިންނަށް އެމީހުންގެ ދަރިންގެ އަޅާލުން ނުލިބޭ ވާހަކައަކީ މިއަދު މިމުޖުތަމަޢުންވެސް އިވެމުންދާ ހިތި ހަގީގަތެއްގެ ވާހަކައެކެވެ.

އުމުރުން ދުވަސްވީ މީހުންގެ ހައްގުތަކާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެނގިހާމަވަނީ މުސްކުޅި އުމުރަށްދާ މީހުން މިއަދުގެ މުޖުތަމަޢުގައި އެކެހެރިވެ ބާކީވަމުންދާކަމެވެ. ރިޓަޔަރކުރާ ޢުމުރުން ފެށިގެން އަސާސީ ޕެންޝަން ދޭން ދައުލަތުން ފަށަނީ އެއުމުރުގައި ޢާމްދަނީ ލިބޭނެ މަގު ޢާއްމުކޮށް ބަންދުވުމުން އެކަމަށްދެވޭ އެހީތެރިކަމެއްގެ ގޮތުގައެވެ. ނަމަވެސް މިމުޖުތަމަޢުގައި ބައެއްމީހުން އެކަން ބަލައިގަންނަނީ އެހެން ނޫނެވެ.

ބޯހިޔާވަހިކަމުގެ ކަންކަން ހުރިގޮތުންނާއި ޒަވާޖީ ޙަޔާތުގެ ޙާލަތު އޮތް ގޮތުގެސަބަބުން މައިންބަފައިންނާ ދުރަށްދާން ބައެއް ދަރިންނަށް މަޖުބޫރުވެއެވެ. މިއާއެކު މުސްކުޅި މައިންބަފައިންގާތުގައި މަޑުކުރާ ކުއްޖަކު ހުރިނަމަ ހުރިހާ ޒިންމާއެއް އެކުއްޖަކު އުފުލަންޖެހޭކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އަދި 65 އަހަރުވެގެން ޕެންޝަން ފައިސާގެ ކަންކަން ވަކި ދަރިއަކު ބަލަހައްޓާނަމަ މައިންބަފައިން ބެލުމަކީ ހަމައެކަނި އެކުއްޖެއްގެ ޒިންމާއެއް ކަމުގައިވެސް ދެކޭ މީހުން އެބަތިއްބެވެ. ގޯތިގެދޮރުގެ މައްސަލައާއި ފައިސާގެ މައްސަލަތަކާއި ޢާއިލީ އެހެނިހެން މައްސަލަތަކާއި ކުޑައިރު މައިންބަފައިން ކަންތައްކުރީ އެންމެ ރަނގަޅަށް ނޫންކަމަށް ބުނެ މައިންބަފައިން މުސްކުޅިވީދުވަހު ބާކީކޮށްލާ އެތައް ހާދިސާއެއް މިވަގުތުވެސް ހިނގަމުން އެބަދެއެވެ.

ނަފްސާނީ ބަލި ހުރުމުގެ ސަބަބުން ޢާއްމުންގެ ތެރޭގައި ނޫޅެވޭ މީހުންނަށް ޚާއްސަކޮށްގެން ކ.ގުރައިދޫގައި ޤާއިމުކޮށްފައިވާ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި މިއަދު ގިނައިން ތިބީ ދަރިންގެ އަޅާލުން ނުލިބި ބަލަން ބޭނުންނުވާ ޢުމުރުން ދުވަސްވީ މީހުންނެވެ. ގާތްގަނޑަކަށް މިފަދަ 200 އެއްހައި މީހުން އެމަރުކަޒުގައި އަންނަނީ ބަލަހައްޓަމުންނެވެ.

ސުވާލަކީ އެ 200 އެއްހައި މީހުންގެ ދަރިންނާއި ޢާއިލާ ކޮބައިތޯއެވެ؟ ޢާއްމުން ތެރޭގައި ނޫޅެވުނު ނަމަވެސް އެމީހުންގެ ޙާލު ބަލާލަން ގުޅައި އެތަނަށް ދިޔުމަކީ ކޮންމެ މީހަކަށްވެސް އޮތް ފުރުސަތެކެވެ. ނަމަވެސް ޤަބޫލުކުރަން ދަތި ހަގީގަތަކީ އެތަނަށް މައިންބަފައިން ދޫކޮށްލުމަށްފަހު ގިނަދަރިންގެ އެއްވެސް ޚަބަރެއް ނުވާކަމެވެ. މަރުކަޒުގައި ހެދޭ އެސެސްމަންޓުތަކުން ބަލިމީހާގެ ޙާލަތު ޢާއިލާއާއެކު އުޅެވޭވަރަށް ބަދަލުވެ ޢާއިލާގެ ބެލުމުގެ ދަށަށް ފޮނުވުމަށް ޖެންޑަރ މިނިސްޓްރީއިން ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އެފުރުސަތު ޢާއިލާތަކުން ދޭން ބޭނުން ނުވާކަމަށް އެމިނިސްޓްރީއިން ވިދާޅުވެއެވެ.

މިއީ މުސްކުޅި އުމުރަށް ދިއުމުން ތިމާމެންގެ އަމިއްލަ ނަފްސާމެދު އެހެންބަޔަކު ޢަމަލުކުރަން ތިމާމެން ބޭނުންވާ ގޮތްތޯ ކޮންމެ މީހަކުވެސް އަމިއްލަ ނަފުސާ ސުވާލުކުރަން މިއަދު އެބަޖެހެއެވެ.

ހަމަ ކޮންމެ މީހަކީވެސް މުސްކުޅި ޢުމުރާހަމައަށް ދިރިދުނިޔޭގައި ހުރެއްޖެނަމަ މިޙާލަތު ކުރިމަތިވެދާނެ މީހެކެވެ. ތިމާ މުސްކުޅިވާ ދުވަހު ބޭނުންވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިހުރި މަރުކަޒެއްގައި ޢާއިލާއާއި ދަންނަމީހުންނާ ވަކިން އެކެހެރިކޮށް ހުންނަންތޯއެވެ؟ މިސުވާލު އަމިއްލަ ނަފްސާ ކޮށްލީމާ ހިތަށްވެރިވަނީ ކޮން ޖަވާބެއްތޯއެވެ؟ ތިމާމެންގެ ހުރިހާ ކަމެއް ފުރިހަމަކޮށްދޭން އަމިއްލަ ނަފްސުގެ ހުރިހާއުފާތަކެއް ޤުރުބާންކުރި މައިންބަފައިންގާތަށް އެންމެދުވަހަކު ޒިޔާރަތްކޮށްލުމަށް ވަގުތުކޮޅެއް ހުސްކުރުމަކީ، ފޫނުބެއްދޭނެވަރުގެ ގެއްލުމެއް ކުރިމަތިވާކަމަކީތޯއެވެ؟ ނުވަމަސްވަންދެން ބަނޑުއަޅައިވިހޭ މައިމީހާއާއި، ޒުވާންކަމުގެ ބާރާއި ހަކަތަ ތިޔަ އުފާތަކާއި ޒިންމާތަކަށް ޤުރުބާންކުރި ބައްޕައަށް ކުޑަމިކުން ޒިޔާރަތްކޮށްލަން ޢުޒުރުވެރިވާ ސަބަބަކީ ކޮބައިތޯއެވެ؟

މިއީ ޙައްލުކުރަން ޖެހިފައިވާ ބޮޑުމައްސަލައެކެވެ. އާއިލީ ކުލުނާއި އޯގާތެރިކަން ގެއްލި ދިއުމަކީ މުޖުތަމަޢު ހަލާކުވެގެން ހިނގައިދާނެ ނުރައްކާތެރި ކަމެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ޒަމާނުއްސުރެ ދިވެހިން ދިވެހިންގެ ގޮތުގައި އެއްބައިވަންތަ އެކަކުއަނެކަކަށް އަޅާލައި އޯގާތެރި މުޖުތަމަޢެއްގެ ގޮތުގައި ދެމިތިބުމުގެ އެންމެ މުހިންމު އެއް ސަބަބަކީ އާއިލީ ގުޅުމުގެ ވަރުގަދަކަންކަމީ ހަގީގަތެކެވެ.