ޚަބަރު

އެމްޕީއެލްގެ ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސަރަޙައްދީ ބަނދަރުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، އޮނިގަނޑަށް ބަދަލުގެނެސްފިއެވެ.

އެމްޕީއެލްގެ ބޯޑު މެމްބަރުން އިއްޔެ ވަނީ ކުންފުނީގެ ދަށުން މެނޭޖް ކުރަމުން އަންނަ ހިތަދޫ ސަރަޙައްދީ ބަނދަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އަލަށް ފާސްކުރި ސިޔާސަތުތަކާއި މުވައްޒަފުންގެ ކުރިއެރުމަށް ގެނެވުނު ބަދަލުތަކާ ބެހޭގޮތުން މައުލޫމާތު ދެއްވާފައެވެ.

ހިތަދޫ ބަނދަރުގައި ބޭއްވި ބޯޑު މީޓިންގ ތަކުގައި ވަނީ ގިނަ ސިޔާސަތުތަކެއް ފާސްކޮށް ސަރަޙައްދީ ބަނދަރުތަކުގެ އިންތިޒާމީ އޮނިގަނޑަށް ގެންނަ ބަދަލުތަކާ ބެހޭގޮތުން މުވައްޒަފުންނަށް މައުލޫމާތު ދެއްވައި މުވައްޒަފުންގެ ސުވާލުތަކާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ.

ސަރަހައްދީ ބަނދަރުތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ބޯޑުން ވަނީ ފާސްކޮށްފައެވެ. އަންނަމަހުން ފެށިގެން މުސާރައާއެކު މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް މި ބަދަލުތައް އަންނާނެއެވެ. މީގެއިތުރުން މުވައްޒަފުންނަށް ކުރިއެރުންވެސް ލިބޭނެއެވެ. އަދި މިހާރަށްވުރެ ފުރިހަމަ ރިޓަޔަރަކުރުމާ ބެހޭ ސިޔާސަތެއްވެސް އެކުލަވާލާފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

އެމްޕީއެލްގެ ދަށުން ސަރަޙައްދީ ބަނދަރުތަކުގެ ގޮތުގައި މިވަގުތު މެނޭޖް ކުރަމުން ދަނީ، ހިތަދޫ ސަރަހައްދީ ބަނދަރާއި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރެވެ.