ޚަބަރު

ޒޯން 1ގެ ފެރީ ސްޓޮޕްތައް އޮގަސްޓްގައި ނިންމާލެވޭނެ - އެމްޓީސީސީ


އާރުޓީއެލްގެ ފެރީގެ ޚިދުމަތް ދިނުމަށް ޒޯން 1ގައި ހަދާ ފެރީ ޓަރމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތް އޮގަސްޓް މަހު ނިންމާލެވޭނެކަމަށް އެމްޓިސީސީން ވިދަޅުވެއްޖެއެވެ. މިހާތަނަށް ބަލާއިރު ގިނަ ރަށްތަކުގެ ބަނދަރު ސަރަޙައްދަކީ، އައްވާއި ވާރެއިން ނިމާވެލަން ވަދެވޭނެ ތަނެއް ނެތް ރަށްތަކެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފަރުމާކޮށްފައިވަނީ ދަތުރުކުރުމުގައި އާއްމުންނަށް ވީހާވެސް ލުއިފަސޭހަ ވާނެ ގޮތަށެވެ. ފެރީތަކުގެ ފަސޭހަކަމުގެ އިރުތުން، ދަތުރުކުރާ މީހުން މަޑުކޮށްލައިގެން ތިބުމަށް ހަދާ ފެރީ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތަކަކީ މި މަސައްކަތުގެ މުހިންމު ބައެކެވެ.

މީގެތެރޭގައި ހިމެނެނީ މީހުން އެންމެ ގިނައިން ދަތުރުކުރާ މައި ރަށްތަކުގައި ފެރީ ޓަރމިނަލްތައް ހެދުމާއި، އަދި މަދުން ދަތުރުކުރާ ރަށްރަށުގައި ފެރީ ސްޓޮޕްތަކެއް ހެދުމެވެ. އާރްޓީއެލްގެ ޚިދުމަތް މިހާރު ފަށާފައިވާ ހދ.އަތޮޅުގެ މައި ފެރީ ޓަރމިނަލްތައް ހަދާފައިވަނީ ކުޅުދުއްފުއްޓާއި، ހަނިމާދުއާއި ނެއްލައިދޫގައެވެ. ޓާމިނަލްތަކުގެ މަސައްކަތް އެމްޓީސީސީންވަނީ ނިންމާފައެވެ.

އަތޮޅުގައި ދެން ހިމެނޭ 10 ރަށުގައި ހަދަނީ ފެރީ ސްޓޮޕްތަކެވެ. އެމްޓީސީސީގެ ޓްރާންސްޕޯޓް މެނޭޖަރ އަލީ ފާތިހު ވިދާޅުވީ މީގެތެރެއިން 6 ރަށުގެ ފެރީ ސްޓޮޕްގެ މަސައްކަތް މިހާރު ހުރީ ނިމުމުގެ މަރުޙަލާގައިކަމަށެވެ. ފާތިހު ވިދާޅުވީ މިހާރު ޒޯން 1ގައި ދެން ހިމެނޭ ދެ އަތޮޅުގެ ރަށްތަކުގެވެސް ފެރީ ސްޓޮޕްތަކާއި ޓަރމިނަލްގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާކަމަށެވެ.

"ހދ.ގެ ގިނަ ޓަމިނަލްތައް މިވަނީ ނިމިފައި. ދެން ހިމެނޭ ހއ. އަދި ށ.އަތޮޅުގެ ޓަރމިނަލްތައްވެސް އޮގަސްޓްގައި ނިންމާލެވޭނެ. ޒޯން 2 އަދި 3ގެ މަސައްކަތްވެސް ދަނީ ޕްލޭން ކުރަމުން. މި ނިޒާމު ނިމޭއިރު ފެރީ ޓަރމިނަލް ނެތް ރަށެއް ރާއްޖޭގައި ނޯންނާނެ." ފާތިހް ވިދާޅުވިއެވެ.

ހއ، ހދ، އަދި ށ އަތޮޅު ހިމެނޭ ޒޯން 1ގައި މީހުން ދިރިއުޅޭ 40 ރަށް އޮވެއެވެ.

ގިނަ ރަށްތަކުގެ ބަނދަރުތަކަކީ އައްވާ ވާރެއިން ހިޔާވެކަންވެސް ވަދެލާނެ ތަނެއް ނެތް ބަނދަރުތަކެވެ. އަދި އިށީނދެލައިގެންވެސް ތިބޭނެ ގޮތެއް ނެތް ބަނދަތުތައްވެސް މަދެއް ނޫނެވެ.

ފެރީ ނިޒާމާއެކު މިކަމަށް ޙައްލު ލިބޭނެއެވެ. ފެރީ ޓަރމިނަލްތަކާއި އަދި ސްޓޮޕްތައް ތައްޔާރުކޮށްފައިވަނީ އިށީނދެލައިގެން ތިބެވޭނެ އޭރިއާގެ އިތުރުން، ފާހަނަވެސް ހިމެނޭ ތަންތަނެވެ. އަދި މި ތަންތަން ފަރުމާކޮށްފައިވަނީ އާއްމުކޮށް ގަންނަ ކާބޯތަކެތީގެ ބާވާތްތައް ގަނެވޭ ކުޑަ ފިހާރައެއްވެސް ހިންގޭގޮތަށެވެ.