ޔުއެފާ ވިމެންސް ޔޫރޯ 2022 އަށް ތައްޔާރުވަމުންދާ އިންލަންޑުގެ އަންހެން ޓީމުން އެކުވެރިކަމުގެ މެޗެއްގައި ބެލްޖިއަމުގެ އަންހެން ޓީމު ބަލިކޮށްފިއެވެ.
އިންގްލަންޑްގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލަންޑުންނެވެ. ނަމަވެސް އިންގްލަންޑަށްވެސް މިމެޗްގެ ފުރަތަމަ ހާފްގައި ބެލްޖިއަމްގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކްލޮއި ކެލީއެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރެފައި ނުކުމެ، އިންގަލަންޑަށް އޭނާ ކުޅެދިން ފުރަތަމަ މެޗެވެ.
މިމެޗްގައި އިންގްލަންޑްގެ ދެވަނަ ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޭޗެލް ޑެލީއެވެ. އަދި އެ ޓީމްގެ ފަހު ލަނޑަކީ ލިއާ ވިލިއަމްސަން ގޯލަށް ފޮނުވާލި ހަމަލާއެއް، ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ބެލްޖިއަމްގެ ގޯލްކީޕަރ ނިކީ އެވްރާޑް ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
މިއީ މި އަންނަ ޖުލައި މަހުގެ ހަވަނަ ދުވަހު އިންގްލަންޑުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން އިންގްލަންޑުން ކުޅެން ހަމަޖެހިފައިވާ ތިން މެޗްގެ ތެރެއިން ފުރަތަމަ މެޗެވެ.