ޚަބަރު

ބާ އިމްތިޙާނާއި ތަމްރީނު ހަދަންނުޖެހޭގޮތަށް އިސްލާޙެއް


ޤާނޫނަށް ޢަމަލުކުރަން ފެށިއިރު ވަކީލުކަމުގެ ހުއްދަ ނުލިބޭ މީހުން ބާ އިމްތިޙާނާއި، ތަމްރީނު ފުރިހަމަކުރުން އިސްތިސްނާވާގޮތަށް ޤާނޫނީ ފަންނުގެ ފަންނުގެ ޤާނޫނަށް އިސްލާޙެއް ހުށައަޅުއްވައިފިއެވެ.

ވިލިމާލޭ ދާއިރާގެ މެމްބަރު އަލްއުސްތާޛު އަޙްމަދު އުޝާމް ވަނީ ޤާނޫނީ ފަންނުގެ ޤާނޫނަށް ދެ އިސްލާޙެއް ހުށައަޅުއްވާފައެވެ. އެގޮތުން ދިވެހި ރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 33ވަނަ މާއްދާގެ (ބ) އުނިކުރުމަށްވަނީ ހުށައަޅުއްވާފައެވެ. އެމާއްދާގައި ބުނާގޮތުން ޤާނޫނީ ވަކީލުކަމުގެ ހުވައިކުރާ ހުރިހާ ފަރާތްތަކުން މިޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ބާ، ކައުންސިލުން އެންމެ އަވަހަށް ބާއްވާ ބާ އިމްތިޙާނުގައި ބައިވެރިވުން ލާޒިމެވެ.

އުޝާމް ހުށައަޅުއްވާފައިވާ ދެވަނަ އިސްލާޙުގައި ވަަނީ ޤާނޫނީ ފަންނުގެ ޤާނޫނަށް 2019ވަނަ އަހަރު ޢަމަލުކުރަން ފެށިއިރު ޤާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވަމުންދިޔަ ފަރާތްތަކާއި އޭރު ކިޔަވާ ނިމިފައިވާ ފަރާތްތަކުގެ ތެރެއިން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިނުވާ ފަރާތްތަކަށް އެ ޤާނޫނުގެ 30ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާ އިމްތިޙާނާއި ތަމްރީން ފުރިހަމަކުރުން އިސްތިސްނާކުރުމަށް ހުށައަޅާފައެވެ. އަދި އެފަރާތްތަކުގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން ވަކީލުކަމުގެ ހުއްދައަށް އެދި ބާ ކައުންސިލަށް ހުށައެޅުމުން ގިނަވެގެން 60 ދުވަހުގެ ތެރޭގައި ޤާނޫނު ބަޔާންކުރާގޮތަށް ވަކީލުކަމުގެ ހުވައިކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަވަންވާނެކަމަށްވެސް މިއިސްލާޙުގައިވަނީ ހިމަނާފައެވެ.

މިހާރު ޤާނޫނުގައި އޮތް ގޮތުން ބާ އިމްތިޙާނުގައި ބައިވެރިވާ ގިނަ ދަރިވަރުންނެއްގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެގޮތުން ކިޔަވަން ފެށިއިރު ނެތް ޤާނޫނެއްގެ ސަބަބުން އެތައް އަހަރަކު ކިޔެވި ކިޔެވުން ބޭކާރުވުމުގެ މަގުމަތީގައި އޮތްއިރު ބާ އިމްތިޙާނަށް ދައްކާ ފީގެ އަގު ބޮޑުވުމުގެ ޝަކުވާވެސްވަނީ ބޮޑުވެފައެވެ. ބާ އިމްތިޙާނުގައި ބައިވެރިވުމަށް 10،000 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ބާ ކައުންސިލްގެ އިންތިޚާބީ އެކްސްކޯއިންވަނީ އިމްތިޙާނުގައި ބައިވެރިވުމުގެ ޝަރުޠުހަމަވާ ހާހަކަށްވުރެ ގިނަ މީހުން ތިބިނަމަވެސް އިމްތިޙާނުގައި ބައިވެރިވުމަށް އެންމެ ދުއިސައްތައެއްހާ މީހުން ރަޖިސްޓަރވުމުގެ ކަންބޮޑުވުންފާޅުކޮށްފައެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޤާނޫނީ ދާއިރާ ކުރިއަށްގެންދާގޮތަށް ރާއްޖޭގެ ޤާނޫނީ ދާއިރާ ބަދަލުކޮށް ވަކީލުންގެ ކަންކަން ރެގިއުލޭޓްކުރެވޭނެ ގޮތަށް ބާ ކައުންސިލްގެ ދަށަށްވަނީ ގެނެސްފައެވެ. މިގޮތުން ރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 2019ވަނަ އަހަރުގައެވެ. މިޤާނޫނުގެ ދަށުން ޤާނޫނީ ދާއިރާ ހަރުދަނާކުރުމަށް ބާ ކައުންސިލުން މަސައްކަތްކުރަމުންދާއިރު ބައެއް ކަންކަމުގައި ޤާނޫނީ ދާއިރާގެ ބޭފުޅުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.