ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ދާލު ޒޯނުގެ ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން ކަނޑިންމަ މޯލްޑިވްސް ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ކަނޑިންމަ ވަނީ ވާދަވެރި ނިޔާމަ 3-2 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެ ހަވީރު ސަން ސިޔާމް ވިލު ރީފް އަތުން ކަނޑިންމަ މޮޅުވީ 6-3 ގެ ނަތީޖާއަކުންނެވެ.
މި މޮޅާއެކު ކަނޑިންމަ އޮތީ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު ވިލު ރީފް އޮތީ މުބާރާތުގެ ފުރަތަމަ ދުވަހު ވެލާވަރު ބަލިކޮށްގެންނެވެ. ނިޔާމަ އަދި ވެލާވަރަށް ޕޮއިންޓެއް ލިބުނީ ބުރާސްފަތި ދުވަހު ކުޅުނު ދެވަނަ މެޗު 3-3 އިން އެއްވަރުވުމުންނެވެ. ނަމަވެސް ލަނޑުގެ ތަފާތުން ތިންވަނަ ލިބެނީ ނިޔާމައަށެވެ.
މި ޒޯނުން ފައިނަލަށް ދާނެ ޓީމެއް ޔަގީންވާނީ ހުކުރު ދުވަހުގެ ހަވީރު ކުޅޭ މެޗުތަކުންނެވެ. އެ ދުވަހުގެ ހަވީރު ވެލާވަރު އަތުން ކަނޑިންމަ މޮޅުވެއްޖެ ނަމަ ފައިނަލުގެ ފުރަތަމަ ޖާގަ އެ ޓީމަށް ކަށަވަރުވާނެއެވެ.
ފައިނަލުގައި ވާދަކުރާނެ ދެވަނަ ޓީމެއް ހޮވާނީ ހުކުރުދުވަހުގެ މެޗުތައް ނިމޭއިރު ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީފައިނަލް މެޗުންނެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބޭނެއެވެ. މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހެވެ.
މި ފަހަރުގެ ދާލު ޒޯނުގައި ޒޯނުގައި ޖުމްލަ ހަތަރު ޓީމެއްއަންނަނީ ވާދަކުރަމުންނެވެ. އެއީ މުބާރާތް ބާއްވާ ކަނޑިންމަ އާއި ނިޔާމަ ގެ އިތުރުން ސަން ޝިޔާމް ވިލު ރީފް އަދި އަންސާނާ ވެލާވަރު އެވެ.