ރައްކާތެރި ނަރުދަމާ ނިޒާމަކީ ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް ލިބެންޖެހޭ އަސާސީ ޙައްގެކެވެ. އެކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު ބައެއް ރަށްރަށުގައި ތަރައްޤީކޮށްފައިވާ ޒަމާންވީ ނަރުދަމާތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
ދެހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ފ.ނިލަންދޫގައި އޮންނަނީ މީގެ 15 ވަރަކަށް އަހަރުކުރިން އެރަށުގައި ޤާއިމުކޮށްފައި އޮތް ނަރުދަމާ ނިޒާމެކެވެ. ރާއްޖޭގެ އެހެން ރަށްރަށުގައި ޤާއިމުކުރަމުންދާ ނަރުދަމާ ނިޒާމުތަކާއި ޚިލާފަށް ނިލަންދޫގައި އޮންނަނީ ވެކިއުމް ސިސްޓަމަށް ނެދަލޭންޑްސްގެ ކުންފުންޏަކުން ހަދައިދީފައިވާ ނަރުދަމާއެކެވެ. އެހެން ނަމަވެސް މިވޭތުވެދިޔަ ދިގު މާޒީގައި ނަރުދަމާގެ މެއިންޓެނަންސް މަސައްކަތް ނުކުރުމުގެ ސަބަބުން ރަށުގެ ނަރުދަމާވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ނަތީޖާއެއްގެ ގޮތުން ޖަންކްޝަންތައް ފުރިގެން ނަޖިސްތައް ޢާއްމުންގެ ގޯތިތަކުގެތެރެއަށް ދިޔުމުގެ މައްސަލަވަނީ ކުރިމަތިވެފައެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ގޯތިތަކުގެތެރެއަށް ނަޖިސް ބޭރުވުމުން ޙައްލެއްގެގޮތުން މިހާރު ރައްޔިތުން އެނަޖިސްތައް މަގުތަކަށް ބޭރުކުރާކަމަށެވެ. އަދި އެކަމުގައި ކައުންސިލަށް މިވަގުތު އެޅޭނެ ފިޔަވަޅެއްވެސް ނެތްކަމަށެވެ.
ނިލަންދޫ ނަރުދަމާ ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުންވަނީ 2019ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފައެވެ. މިމައްސަލައާ ގުޅިގެން ޕީއެސްއެމްނިއުސްއަށް މަޢުލޫމަތު ދެއްވަމުން ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ އެކޯޕަރޭޝަނާ ޙަވާލުވީއިރު އެއްވެސް ވަރަކަށް ނަރުދަމާއަށް ބޭނުންކުރާ ސިސްޓަމް މެއިންޓަނަންސް ކޮށްފައި ނުވާކަމަށެވެ. އެހެންކަމުން މިވޭތުވެދިޔަ ތަނުގައި އެކުންފުނިން ނިލަންދޫގެ ނަރުދަމާ ސާފުކުރުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން ކުރަމުންއައިކަމަށެވެ.
ނިލަންދޫގައި ޤާއިމުކޮށްފައިވާ ސިސްޓަމަކީ ނެދަލޭންޑްސްގެ ކުންފުންޏެއްގެ މޮޑެލްއެއްކަމުން އެކުންފުންޏާ މަޝްވަރާކޮށް ނަރުދަމާ ސިސްޓަމަށް ބަދަލުގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ފެނަކައިން ވިދާޅުވެއެވެ. އެގޮތުން ނެދަލޭންޑްސްގެ ކުންފުނިން ސަރވޭއެއް ކުރުމަށްފަހު މިހާރު މަސައްކަތް ކުރިއަށް ގެންދާނެގޮތުގެ ޕްރޮޖެކްޓް ޕްރޮޕޯސަލެއް ފޮނުވާފައވާކަމަށް ފެނަކައިން ވިދާޅުވެއެވެ.
މިމަޝްރޫޢުގެ ދަށުން ކުރިއަށް އޮތް 5 ވަރަކަށް މަހުގެ ތެރޭގައި ނިލަންދޫގެ ނަރުދަމާއިން ނަޖިސް ބޭރުވާ މައްސަލައަށް ދާއިމީ ޙައްލެއް އަންނާނެކަމަށް ފެނަކައިން ލަފާކުރައްވައެވެ. އެހެންނަމަވެސް މިވަގުތުވެސް ރައްޔިތުން އުފުލަމުންދާ ތަކުލީފަށް ވަގުތީ ޙައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ. އެގޮތުން މިމަސް ނިމޭއިރު ވަގުތީ ހައްލެއް ގެނެވޭނެކަމަށް ފެނަކައިން ވިދާޅުވެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމު އަންނަ އަހަރުގެ ނިޔަލަށް ޤާއިމުކުރުމަށް ސަރުކަރުން އަންނަނީ އެކި ކުންފުނިތަކާޙަވާލުކޮށްގެން މަސައްކަތް ކުރައްވަމުންނެވެ. އަދި މިފަދަ ހުރިހާ ނިޒާމެއް ހިންގާ ބެލެހެއްޓުމުގެ މަސައްކަތް އެކި ކުންފުނިތަކާ ސަރުކާރުން އަންނަނީ ޙަވާލުކުރައްވަަމުންނެވެ. މީގެ މައިގަނޑު ބޭނުމަކީ އަޅާނުލެވި ދޫކޮށްލައިފިނަމަ މިހާރު އަޅަމުންދާ ފެނާއިނަރުދަމާތައްވެސް ހަލާކުވެ އިތުރު ތަކުލީފުތަކެއް ކުރިމަތިވިޔަ ނުދިނުމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.