ޚަބަރު

ޢީދު ޗުއްޓީގައި، ޑިމާންޑާ އެއްވަރަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރާނެ - ޖެނިފާ


ކުރިއަށް އޮތް ބޮޑު ޢީދު ޗުއްޓީގައި، ޢާއްމުންގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދޭނެކަމަށާ، އެގޮތުން މޯލްޑިވިއަނުން ބައެއް މަންޒިލްތަކަށް އިތުރު ފްލައިޓުތައް ބާއްވާނެކަމަށް އައިލެންޑު އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާޢިޝަރު ޖެނިފާ ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑު އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު ޖެނިފާ މިހެން ވިދާޅުވެފައިމިވަނީ ކުރިއަށް އޮތް ބޮޑު އީދު ޗުއްޓީގައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު ބޮޑުވެ ޓިކެޓު ލިބުމުގައި ދަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މޯލްޑިވިއަން އެއަރލައިނުން އަތޮޅުތަކުގެ 14 މަންޒިލަކަށް ދަތުރު ކުރެއެވެ. ގިނަ މަންޒިލްތަކަށް އީދު ޗުއްޓީގެ ދުވަސްތަކުގައި ދަރުކުރާ ފްލައިޓުތަކުގެ ޖާގަ މިހާރުވަނީ ފުރިފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޖެނިފާ ވިދާޅުވީ، މޯލްޑިވިއަންއިން އަބަދުވެސް މަސައްކަތްކުރަނީ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށެވެ. އެގޮތުން ކުރިއަށްއޮތް އީދު ބަންދަށް ގިނަ އަދަދެއްގެ ބަޔަކު ޓިކެޓު ނަގަމުންދާ ކަމަށާއި، ޑިމާންޑަށް ބެލުމަށްފަހު އިތުރު ފްލައިޓުތަކުގެ ދަތުރުތައް ބޭއްވުމަށް މިޙާރު ތައްޔާރުވަމުންދާ ކަމަށެވެ.

"މިހާރު ދިވެހިން ވަރަށް ދުރާލާ ޓިކެޓު ގަނެ ތައްޔާރުވޭ، ވަރަށް ގިނަ ބަޔަކު މިހާރު ޓިކެޓު ގަނެފި، އެކަމަކުވެސް އަޅުގަނޑުމެން އަދި ހަމަ ޑިމާންޑަށް ބަލާފައި އިތުރު ފްލައިޓުތައް ހުރިހާ ތަނަކަށްވެސް އަޅާ ނަން." ޖެނިފާ ވިދާޅުވިއެވެ.

ޖެނިފަރ ވިދާޅުވީ ވެއިޓިން ލިސްޓުކުރާ މިންވަރަކުން ފްލައިޓުތައް އިތުރުކުރަމުންދާ ކަމަށެވެ. ޖެނިފަރ ފާހަގަކުރެއްވިގޮތުގައި މިދިޔަ ކުޑަ އީދުގައިވެސް އެތެރޭގެ އުދުހުންތަކުގެ ޑިމަންޑު ވަރަށް ބޮޑުވިއެވެ. އެއާއެކު އެދުވަސްވަރު ޝެޑިއުލް ފްލައިޓުތަކުގެ އިތުރަށް 31 ފްލައިޓުގެ ދަތުރު ބޭއްވިކަމަށް ޖެނިފަރ ވިދާޅުވިއެވެ.

"އެއީ 28 އޭޕްރީލްއިން މެއި 7 އާ ދޭތެރޭ، އަޅުގަނޑުމެން އެޅިން މިހާރު ކުރާ ޝެޑިއުލް ދަތުރުތަކުގެ އިތުރަށް 31 ފްލައިޓު، އެކިއެކި ޑެސްޓިކޭޝަންތަކަށް، އެގޮތުން ފުވައްމުލަކަށް އިތުރު 6 ފްލައިޓު، ކައްދުއަށް އިތުރު 7 ފްލައިޓު އަޅާފައިވާނެ،" ޖެނިފަރ ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަންގެ ފްލީޓުގައި 22 މަތިންދާބޯޓު އޮވެއެވެ. މީގެތެރޭގައި ހިމެނެނީ 11، ސީ ޕްލޭން، އެއާބަސް 321، އެއާބަސް 320 އަދި ޑޭޝް8 ގެ 9 ބޯޓެވެ.