ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގައި އޮފު އެފްސީ އަތުން އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު މޮޅުވިއިރު، ގުޑީސް ސްޕޯޓްސް ކުލަބު އަތުން ކުލަބު ވެމްކޯ އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ބުރާސްފަތި ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗު ސިފައިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
ވެމްކޯ އަތުން ބުދަ ދުވަހުވި މޮޅާއެކު މި މެޗަށް ސިފައިން ނުކުތީ ރަނގަޅު ފޯމެއްގައި އޮވެގެންނެވެ. ބިދޭސީ ކުޅުންތެރިންނާއި، ގައުމީ ޓީމުގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އަދި އާދަމް ނަސީމް (އެޑަމާ) ގެ މޮޅު ކުޅުމާއެކު ސިފައިން މި މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ ފަސޭހަކަމާއެކު 25-13 އަދި 25-16 އިންނެވެ.
މި މެޗުގެ ތިންވަނަ ސެޓުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ސިފައިން ކާމިޔާބުކުރީ 25-21 އިންނެވެ. މި މެޗުގައި އޮފު އެފްސީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަމިތު ގޫލިއާ ބަދަލުކުރަން ޖެހުމެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހުގެރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗު ވެމްކޯއިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މީގެ ކުރިން ސިފައިން އަތުން ބަލިވުމާއެކު، ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށް ވެމްކޯއަށް މި މެޗު މުހިންމެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ގުޑީސްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ވެމްކޯއިން ވަނީ ފަސޭހަކަމާއެކު 25-12 އިން ގެންގޮސްފައެވެ. އެކަމަކު ޖެހިގެން އައި ސެޓުގައި ގުޑީސް ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ގުޑީސްއިން ކާމިޔާބުކުރީ 25-18 އިންނެވެ.
ނަމަވެސް ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ވެމްކޯއިން ވަނީ އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންގެ މޮޅު ކުޅުމާއެކު ތިންވަނަ ސެޓު 25-20 އިން ކާމިޔާބުކޮށްފައެވެ. މި މެޗުގެ ހަތަރުވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ގުޑީސްގެ ހަސަން ނިލާމް (ޕާޓޭ) ގެ ފަރާތުން މޮޅު އެޓޭކުތަކެއް ފެނިގެންދިޔައެވެ. އެއާއެކު މި ސެޓު އެޓީމުން ކާމިޔާބުކުރީ 25-23 އިންނެވެ.
މި މެޗުގެ ފަހު ސެޓުގައި ގުޑީސްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ސެޓުގެ ކުރީކޮޅު ވެމްކޯއިން ވަނީ ހަ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. މި ސެޓު ވެމްކޯއިން ކާމިޔާބުކުރީ 15-9 އިންނެވެ.
މި ފަހަރުގެ އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ މެޗުތައް ކުޅެވިގެންދަނީ ލީގު އުސޫލުންނެވެ. މި މެޗުތަކަށް ފަހު ވެމްކޯ މި ވަގުތު އެއްވަނައިގައި އޮތީ ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި ވިއްދާފައި އޮތް ސިފައިންނާއި ފުލުހުންނަށް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. އަދި ހަތަރުވަނައިގައި އޮތް ސްޕޯޓްސް ކުލަބު ސިޓީއަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ.