ޚަބަރު

ތިން ރަށަކަށް މެޖިސްޓްރޭޓުން އައްޔަން ކުރުމަށް ނިންމައިފި


ތިން ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ 10 މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމުތަކަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން، އިންޓަރވިއުގެ ޤާބިލުކަމަށް ބަލާ، ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އަރުވާފައިވާ 03 ކެނޑިޑޭޓުން، 03 މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަންކުރަން ނިންމާފައިވާކަމަށެވެ.

ފަނޑިޔާރުން އައްޔަން ކުރަން ނިންމީ ތ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް އަލްއުސްތާޛާ ޢާއިޝަތު އިބްރާހީމް، ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް އަލްއުސްތާޛާ ނަޝާޠަތު ޒައީމާ އަދި ދ.ނޮޅިވަރަން މެޖިސްޓްރޭޓަށް އަލްއުސްތާޛު ލިއުޝާދު ޢަބްދުއްސައްތާރެވެ.

އަލްއުސްތާޛާ ޢާއިޝަތު އިބްރާހީމް ވަނީ ކުއްލިއްޔަތުލް ދިރާސާތިލްއިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެޗްލަރސް ޑިގްރީ ވިތް އޮނާރސް އަދި ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛާ ޢާއިޝަތު އިބްރާހީމް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމުގައި 4 އަހަރު ދުވަހަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރގެ މަގާމުގައި 3 އަހަރު ދުވަހުގެ މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

އަލްއުސްތާޛާ ނަޝާޠަތު ޒައީމާ އަކީ ކުއްލިއްޔަތުލް ދިރާސާތިލްއިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާރސް ޙާޞިލްކުރައްވައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް ޕަބްލިކް ޕްރޮސެކިއުޓަރ އަދި ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމުގައި 6 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އަލްއުސްތާޛު ލިއުޝާދު ޢަބްދުއްސައްތާރުވަނީ ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ (ސްޕެޝިއަލައިޒޭޝަން އިން ކްރިމިނަލް ލޯ) ޙާސިލްކުރައްވާފައެވެ. އަދި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ލޯފާރމެއްގައި 02 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަށް މަސައްކަތް ކުރައްވާފައެވެ.

އަލަށް އައްޔަންކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުއެވެ.