ކުޅިވަރު

ރިސޯޓް ލީގު: ކަނޑިންމަ އާއި ވިލު ރީފަށް ރަނގަޅު ފެށުމެއް


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ދާލު ޒޯނުގައި ކުޅުނު ފުރަތަމަ މެޗުތައް ކަނޑިންމަ މޯލްޑިވްސް އާއި ސަން ޝިޔާމް ވިލު ރީފުން ކާމިޔާބުކޮށްފިއެވެ.

ކަނޑިންމަ މޯލްޑިވްސްގައި ކުރިއަށްދާ ދާލު ޒޯނުގައި ޖުމްލަ ހަތަރު ޓީމެއް ހިމެނެއެވެ. އެއީ މުބާރާތް ބާއްވާ ކަނޑިންމަ އާއި ނިޔާމަގެ އިތުރުން ވިލު ރީފް އަދި އަންސާނާ ވެލާވަރެވެ.

މުބާރާތް ފެށުމުގެ ގޮތުން ކަނޑިންމަ ރިސޯޓުގެ ހާއްސަ ހަރަކާތެއް ވަނީ ގެނެސްދީފައެވެ. ދާލު ޒޯނުގެ މެޗުތައް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ޝަރަފްވެރި މެހެމާނު އިޓަލީ ފުރަތަމަ ޑިވިޝަނުގެ އެމްޕޯލީ އަށް ކުޅެމުން އަންނަ ޕެޓްރިކް ކުޓްރޯން އެވެ. މީގެއިތުރުން ކަނޑިންމަ ރިސޯޓުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބުދަ ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މި ޒޯނުގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ އެންމެފަހުގެ ޗެމްޕިއަން ކަނޑިންމަ އާއި ނިޔާމަ އެވެ. ވާދަވެރި ކުޅުމަކަށް ފަހު މި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކަނޑިންމަ އެވެ. މަޝްހޫރު ކޯޗު އިސްމާއީލް އިބްރާހިމް (އިސްމަ) ގެ މޭސްތިރިކަމުގެ ދަށުން ކަނޑިންމަ ޓީމު މި މެޗު ކާމިޔާބުކުރީ ނިޔާމަ ލީޑުގައި ވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކުންނެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ވިލު ރީފް އަދި ވެލާވަރު އެވެ. މި މެޗު 4-2 އިން ކާމިޔާބުކުރީ ވިލު ރީފް އެވެ. މި މެޗުގައި ވިލު ރީފް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ގިނަ ހަމަލާތައް ވެސް އުފައްދާފައިވަނީ އެ ޓީމުންނެވެ.

މުބާރާތުގައި މިއަދު ހަވީރުވެސް ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި 16:00 ގައި ބައްދަލުކުރާނީ ކަނޑިންމަ އާއި ވިލު ރީފް އެވެ. އަދި 17:00 ގައި ބައްދަލުކުރާނީ ނިޔާމަ އާއި ވެލާވަރު އެވެ.

މި ޒޯނުން ހުރިހާ މެޗެއް ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެއެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ސެމީފައިނަލުގައި ދެވަނަ އަދި ތިންވަނަ ޓީމުގެ ކުރިމަތިލުމުން މޮޅުވާ ޓީމަކަށެވެ. މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 21 ވަނަ ދުވަހުގައެވެ.