ދުނިޔޭގެ ވިޔަފާރި

ޔޫރޯ ޒޯން ޤައުމުތަކުގެ ޓްރޭޑް ޑެފިސިޓް އިތުރުވެއްޖެ


އޭޕްރީލް މަހު ޔޫރޯ ޒޯންގެ ޤައުމުތަކުގެ ޓްރޭޑް ޑެފިސިޓް އިތުރުވެއްޖެއެވެ. އޭގެ ކުރިން މާޗް މަހުވެސް މި ޤައުމުތަކުގެ ޓްރޭޑް ޑެފިސިޓް ވަނީ އިތުރުވެފައެވެ.

ޔޫރަޕް އިއްޠިޙާދު (އީޔޫ) ގެ ތަފާސް ހިސާބުތަކާއިބެހޭ އޮފީސް ޔޫރޯސްޓެޓް އިން ހާމަކޮށްފައިވާގޮތުގައި ޔޫރޯ ޒޯންގައި ހިމެނޭ 19 ޤައުމަކުން ވަނީ ޓްރޭޑް ޑެފިސިޓް އިތުރުވެގެން ރެކޯޑްކޮށްފައެވެ. އޭޕްރީލް މަހުގެ ޓްރޭޑް ޑެފިސިޓް ވަނީ 32.4 ބިލިއަން ޔޫރޯ އަށް އަރާފައެވެ. މާޗް މަހު މި ޢަދަދު ހުރީ 16.4 ބިލިއަން ޔޫރޯގައެވެ. 2021 ވަނަ އަހަރުގެ އޭޕްރީލް މަހު 14.9 ބިލިއަން ޔޫރޯ ވަނީ ސާޕްލަސްވެފައެވެ.

ޔޫރޯސްޓެޓްގެ ހިސާބުތަކުން ދައްކާގޮތުގައި އޭޕްރީލް މަހު ޔޫރޯ ޒޯންގެ ޤައުމުތަކުން އިމްޕޯޓުކުރި މިންވަރު ވަނީ %39.8 ށް އަރާފައެވެ. ނަމަވެސް އެކްސްޕޯޓުކުރި މިންވަރު އިތުރުވީ އެންމެ %15.7 އެވެ.

އީޔޫގެ ރަޝިއާ ޓްރޭޑް ޑެފިސިޓް ވަނީ 62.6 ބިލިއަން ޔޫރޯއަށް އަރާފައެވެ. މި ޢަދަދު 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރީ 14.7 ބިލިއަން ޔޫރޯގައެވެ. ރަޝިއާ އަކީ އީޔޫއަށް އެންމެ ގިނައިން ހަކަތަ ފޯރުކޮށްދޭ ޤައުމެވެ.

އީޔޫ ވިޔަފާރީގައި އެންމެ ބޮޑު ހިއްސާއެއްވާ އެއް ޤައުމުކަމަށްވާ ޗައިނާ ޓްރޭޑް ޑެފިސިޓްވެސް ވަނީ ޖެނުއަރީ މަހުން އޭޕްރީލް މަހަށް ބަލާއިރު 122 ބިލިއަން ޔޫރޯއަށް އަރާފައެވެ. އީޔޫގެ ނޯވޭ ޓްރޭޑް ޑެފިސިޓްވަނީ 23.9 ބިލިއަން ޔޫރޯއަށް އަރާފައެވެ. ނޯވޭ އަކީވެސް އީޔޫއަށް ހަކަތަ ފޯރުކޮށްދޭ ޤައުމެކެވެ. ޔޫރޯ ޒޯންގެ 19 ޤައުމެއްގެ އިންޑަސްޓްރިއަލް އުފެއްދުންތައް %0.4 ށް އިތުރުވެފައެވެ.