ޚަބަރު

70،000މީހުންގެ އާބާދީއަށް ބޭނުންވާނެ ހުރިހާ ޚިދުމަތަކާއެކު ފޭސް2 ތަރައްގީ ކުރެވޭނެ: ރައީސް


ހުޅުމާލެ ދެވަނަ ފިޔަވަހީގައި 70،000 މީހުންގެ އާބާދީއަކަށް ދޭންވާ ޚިދުމަތްތައް ޤާއިމް ކުރެވިގެންދާނެކަމަށް ރައީސްލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެއްގަމު ދަތުރުފަތުރުގެ ޚިދުމަތުގެ ތެރެއިން އާރްޓީލްގެ ބަހުގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ކުރިއަތް އޮތްތަނުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ޤާއިމްކޮށްދެއްވާނެކަން ހާމަކުރައްވާފައެވެ.

މިގޮތުން ހުޅުމާލޭ ފޭސް 2 އަކީ ގާތްގަނޑަކަށް 10000 އާއި 15000 އާއި ދެމެދުގެ ރައްޔިތުން މިހާރުވެސް ދިރިއުޅެމުންދާ ތަނެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އެކީގައި މީހުން އާބާދުވެ ދިރިއުޅެން ފަށާއިރު އެ ތަނުގައި ގާތްގަނޑަކަށް 40000މީހުން ދިރިއުޅެމުންދާނެކަމަށެވެ. އަދި މި ސަރުކާރުން ހުޅުމާލޭ ފޭސް 2 ގައި އަޅަން ނިންމާފައި އޮތް ފްލެޓްތަކުގެ ތެރެއިން މިހާރު ކުރިއަށްގެންދާ 4000 ފްލެޓާއި، އޭގެއިތުރުން 2000ފްލެޓާއެކު، ޖުމުލަ 6000 ފްލެޓާއި، އެއްހާސް ގޯތި ދިނުމަށް ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިއާއެކު ހުޅުމާލޭ ފޭސް 2 ގައި 70000އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭނެކަމަށާއި އެހާއިރާށް ވާއިރަށް ދޭންވާ ޚިދުމަތްތައް ވަރަށް ބޮޑުތަނުން ފުޅާވެގެންދާނެކަމަށެވެ.

މިގޮތުން ރައީސް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމު މިއަށްވުރެވެސް ހަރުދަނާ ކުރަންޖެހޭނެކަމަށާއި ޞިއްޙީ ޚިދުމަތް މިއަށްވުރެ ފަސޭހައިން ލިބޭނެގޮތް ވާންޖެހޭނެކަމަށެވެ. އަދި ސްކޫލްތައް ގިނަކުރަން ޖެހޭނެކަމަށެވެ.

"މި ފްލެޓްތައް ހެދިގެންދިޔައިރު، ކުރިމަތިވެފައި އޮތް އެންމެ އުނދަގޫ އެއް މައްސަލައަކީ މިތާ ދިރިއުޅޭ ރައްޔިތުންގެ ދުއްވާތަކެތި، ކާރާއި ސައިކަލާއި އަދި އެނޫންވެސް ތަކެތި ޕާކްކުރާނެ ތަނެއް ޕްލޭން ކުރެވިފައި ނެތްކަން. އަޅުގަނޑު ހިތުން އެޗް.ޑީ.ސީ.އިން މިކަމަށް ޙައްލެއް އެބަ ހޯދައިދޭންޖެހޭ. ޕްލޭންގައި ނެތް ކަމަށްވަންޏާ، ޕްލޭންގެ ތެރޭގައި އެބައި އިތުރުކޮށް، އެ ފަސޭހަވެސް މިތާ ދިރިއުޅޭ ރައްޔިތުންނަށް ހޯދައިދޭން އެބަޖެހޭ."ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް 2 ތަރައްޤީ ކުރުމުގައި އަދިވެސް ކުރަންޖެހޭ ބައިވަރު ކަންތައްތައް ހުރިކަން ފާހަގަކުރައްވާ ރައީސް ވަނީ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް، ހިތްފަސޭހަކަމާ އެކީގައި ބީޗް ބޭނުންކުރެވޭނެ ގޮތަކަށް ބަދަލުކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ސްވިމިންގ ޓްރެކަކާއި، ހަޓްތަކާއި، އަދި ޕަބްލިކް ޓޮއިލެޓާއި، ޢާއިލާއާ އެކީގައި ގޮސް، ގޮނޑުދޮށުގައި ހަމަޖެހިލައިގެން ތިބެ ޗުއްޓީ ހޭދަކޮށްލެވޭނެ އިންތިޒާމުތަކެއް ރާވަމުންގެންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ ހުޅުމާލޭ ފޭސް 2 ގައި މިހާރު ދިރިއުޅެމުންދާ ރައްޔިތުންނަށް އަދި އަންނަން ތިބި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައަކާއި އުފަލަކަށް ވެގެންދާނެކަމަށެވެ.