ޚަބަރު

ބީއެމްއެލް ކާޑާއި ސްމާޓް ފޯނުންވެސް ޓިކެޓު ނެގޭ ގޮތްހަދަނީ


އެމްޓީސީސީން ދެމުން އަންނަ ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ފޯރުކޮށްދޭން ތައްޔާރުވަމުން އަންނަކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ސްމާޓް ފޯނާއި ބޭންކް ކާޑުން ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތުގެ ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އެއްގަމު ދަތުރުފަތުރުގެ ދާއިމީ ޙައްލެއް ގެނެސްދީ އެމްޓީސީސީގެ އައު ބަސްތައް އިފްތިތާޙްކޮށް ޚިދުމަތަށް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވަނީ އެކުންފުނިން ދެމުން އަންނަ ދަތުރުފަތުރުގެ ޢާއްމު ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހާމަކުރައްވާފައެވެ. މީގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ޓެކްނޮލޮޖީގެ އެހީގައި ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދޭ ކޮންމެތާކުން ޚިދުމަތް ލިބޭނެ މަގު ފަހިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ބީއެމްއެލްގެ ކާޑުތަކާއި މާސްޓަރ ކާޑު މެދުވެރިކޮށް އަދި ސްމާޓް ފޯނު މެދުވެރިކޮށްވެސް އެމްޓީސީސީގެ ދަތުރުފަތުރުގެ ޚިދުމަތުގެ ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން އަންނަނީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށްވެސް ތައްޔާރުވަމުންނެވެ. މާލެ ސަރަޙައްދުގައި މީނީ ބަހުގެ ޚިދުމަތް ފެށުމަކީ މާލޭގެ އެތެރޭގައި އޮންނަ ވެހިކަލް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެވޭނެ ބަދަލެކެވެ. އާޒިމް ވިދާޅުވީ އަންނަ ޖުލައިމަހުގެ ތެރޭގައި މިނީ ބަހުގެ ޚިދުމަތް މާލޭގައި ފެށިގެންދާނެކަމަށެވެ.


"މިއަހަރު ނިމުމުގެ ކުރިން ބޭންކް ކާޑް މެދުވެރިކޮށް ޓްރާންސްޕޯޓް ޚިދުމަތްދޭ ކޮންމެތާކުން ޚިދުމަތް ލިބޭނެ. އަދި އަތުގައި ސްމާޓް ފޯނު އޮތިއްޔާވެސް ދަތުރުކުރެވޭނެ ދެން." އާޒިމް ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ދެމުން އަންނަ އެމްޓީސީސީން އަންނަނީ އަތޮޅުތެރޭގައި ދެމުން އަންނަ ޚިދުމަތްވެސް ފުޅާކޮށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މިއަންނަ މަހުގެ ނިޔަލަށް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ހައްދުންމަތީގައި އެމްޓީސީސީން ދެމުންގެންދާ ބަހުގެ ޚިދުމަތުގައި މުޅިން އައު ބަސްތަކެއް ބޭނުންކުރަން ފަށާނެކަމަށެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކި ކުންފުނިތަކުން ދެމުން އައި ދަތުރުފަތުރުގެ ނިޒާމު އެމްޓީސީސީގެ ދަށަށް ބަދަލުކޮށް ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ރަސްމީކޮށް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ. އޭގެފަހުން އެމްޓީސީސީން އަންނަނީ އެއްގަމާއި ކަނޑުމަގުން ދަތުރުފަތުގެ ޚިދުމަތް ދެމުންނެވެ. މިގޮތުން ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ދަށުން ރާއްޖެ އެކި ޒޯންތަކަށް ބަހާލައިގެން ޤައުމީ ފެރީގެ ޚިދުމަތްވަނީ ތަޢާރަފްކޮށްފައެވެ. މިހާރު ޒޯން 1ގެ ބައެއް ރަށްތަކަށް މިޚިދުމަތް ފަށާފައިވާއިރު އެކުންފުނިން މަސައްކަތް ކުރަމުންދަނީ އަންނަ މަހުގެ ތެރޭގައި މުޅި ޒޯން 1 އަށް ޚިދުމަތް ފުޅާކުރުމަށެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި މިނިޒާމުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއް ގުޅާލުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.