ދުނިޔެ

2015- މިހާތަނަށް އެންމެ ހޫނުކަމަށް ރެކޯޑް ކުރެވުނު އަހަރު- އދ


ނިމިގެން ދިޔަ 2015 ވަނަ އަހަރަކީ މިހާތަނަށް ރިކޯޑް ކުރެވިފައިވާ އެންމެ ހޫނު އަހަރު ކަމަށް މޫސުމާ ބެހޭ އދގެ ޖަމިއްޔާ ޑަބްލިއު. އެމް.އޯ އިން ހާމަކޮށްފިއެވެ.މިކަން އިޢުލާންކުރައްވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑަބްލިއު.އެމް.އޯގެ ތަރުޖަމާނު ކްލެޔަރ ނޫލިސް ވިދާޅުވީ، މިދިޔަ އަހަރު ދުނިޔޭގެ ފިނި ހޫނު މިނަށް އައިސްފައިވާ ބަދަލަކީ ހައިރާން ކުރާ ވަރުގެ ބޮޑު ބަދަލެއް ކަމަށެވެ. އެގޮތުން އެވްރެޖްކޮށް ފިނި ހޫނު މިން ހުންނަ ވަރަށް ވުރެ 0.76 ޑްގްރީ މަތި ކަމަށެވެ. މިކަމުގައި ހުރިހާ ޤައުމަކުން ވެސް ޒިންމާ ނަގަން ޖެހޭ ކަން ފާހަގަކުރައްވަމުން ނޫލިސް ވިދާޅުވީ، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މިހާރުން މިހާރަށް މަދުކުރުމަށް ޖެހޭ ކަމަށެވެ.ދުނިޔޭގެ ފިނި ހޫނު މިނަށް، އަހަރުން އަހަރަށް އަންނަ ބަދަލުތައް މޮނިޓަރ ކުރަން ފެށީ 19 ވަނަ ޤަރުނު ފެށުމާއެކުގައެވެ. މިހާތަނަށް ރިކޯޑް ކުރެވިފައިވާ އެންމެ ހޫނު ގަދަ 15 އަހަރުގެ ތެރެއިން 14 އަހަރު އައިސްފައިވަނީ ދެހާސްވަނަ  އަހަރުގެ ފަހުންކަން އދން ވަނީ ފާހަގަކޮށްފައިވެއެވެ.