ކުޅިވަރު

ގައުމީ ޓީމުގެ ކޯޗުންނަށް ދިމާވަނީ އެއް މައްސަލައެއް: މޮރިއޭރޯ


ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުންނަށް ދިމާވަނީ ދާދި އެއްކަހަލަ މައްސަލަތަކެއް ކަމަށް ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިން ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްރީ ލަންކާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ރާއްޖޭން ވަނީ ކުރިހޯދައިފައެވެ. އަންގާރަ ދުވަހު ކުޅުނު މެޗަށްފަހު ވާހަކަ ދައްކަވަމުން މޮރިއޭރޯ ވަނީ ކޮލިފިކޭޝަނުގައި ރާއްޖޭގެ ކުޅުންތެރިން ކުރި މަސައްކަތައް ޝުކުރުއަދާކޮށްފައެވެ.

މި މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުން ތައިލެންޑް އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި އުޒްބެކިސްތާން އަތުން 4-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.

މޮރިއޭރޯ އެންމެ ފުރަތަމަ ރާއްޖެ ގޮވައިގެން ނުކުތީ މިދިޔަ ނޮވެމްބަރު މަހު ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕުގައެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ހަތަރު ލަނޑު ޖެހި ނަމަވެސް، ފަހަތުން އަރައި ލަންކާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

މޮރިއޭރޯ ބުނީ އެ މެޗުގެ ހަނދާން އަދިވެސް އެބަހުރި ކަމަށާއި، އެންމެ ފުރަތަމަ ދުވަުހުންވެސް އޭނާ ދައްކާ ވާހަކައަކީ ކަންކަން ހައްލު ކުރެވޭނީ ގޯސް ހެދިގެންކަން ކަމަށެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި ޓެކްނިކަލް ޓީމާއެކު ޕްލޭންތަކެއް ހަދައި ގިނަ ވަގުތު ފަރިތަކުރުންތައް ގެންދެވޭނެ ގޮތަކަށް ކަންކަން ރާވަން މަސައްކަތް ކުރާނެ ކަމަށް މޮރިއޭރޯ ބުންޏެވެ.

އަންގާރަ ދުވަހު ލަންކާ އަތުން ރާއްޖެ މޮޅުވިއިރު، މިއީ މޮރިއޭރޯގެ ކޯޗުކަމުގެ ދަށުން ރާއްޖެއަށް ލިބުނު ދެވަނަ މޮޅެވެ. ޖުމްލަ ހަތް މެޗު ކުޅުނުއިރު، މީގެ ކުރިން މޮޅުވެފައި އޮތީ މިދިޔަ މާޗް މަހު 24 ވަނަ ދުވަހު މާލޭގައި ބަންގްލަދޭޝް އަތުންނެވެ. ދެން ކުޅުނު ފަސް މެޗަށް ބަލާއިރު، ތިން މެޗުން ބަލިވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ.