ކުޅިވަރު

އޮފު އެފްސީ ބަލިކޮށް ޕޮލިސް އެއްވަނައަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގައި އޮފު އެފްސީ ބަލިކޮށް ލީގު ތާވަލުގެ އެއްވަނައަށް ޕޮލިސް ކުލަބު ޖެހިލައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު ޕޮލިހުން ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ސެޓުންނެވެ. މި މެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވަޑައިގެންފައެވެ.

މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ޕޮލިހުުން ހަމައަކަށް ނޭޅެވިއުޅެނިކޮށް، އޮފު އެފްސީން ވަނީ އެ ޓީމުގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ އަމިތު ގޫލިއާ އާއި ގުރޫ ޕުރަޝާންތުގެ ބޭނުން ހިފައި، 25-23 އިން ސެޓު ގެންގޮސްފައެވެ.

އެކަމަކު ޖެހިގެން އައި ދެ ސެޓުގައި އޮފު އެފްސީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ޕޮލިހުން މި ދެ ސެޓު ގެންދިޔައީ 25-18 އަދި 25-16 އިންނެވެ. އަދި މި މެޗުގެ ހަތަރުވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ޕޮލިހުން ގެންދިޔައީ 25-20 އިންނެވެ.

މި ފަހަރުގެ އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ މެޗުތައް ކުޅެވިގެންދަނީ ލީގު އުސޫލުންނެވެ. މުބާރާތުގެ ފޯމެޓް ރޭވިފައިވާ ގޮތުން އެއްވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބިގެންދާނެއެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ދެވަނަ އާއި ތިންވަނައަށްދާ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ.

އަންގާރަ ދުވަހުގެރޭގެ މޮޅާއެކު ޕޮލިސް އެއްވަނައިގައި އޮތީ ތިން މެޗުންވެސް މޮޅުވެ، ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ކުލަބު ވެމްކޯ ދެ މެޗުން މޮޅުވިއިރު، އެ ޓީމަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ދެން އޮތް ހަތަރު ޓީމަށް ބަލާއިރު، ސްޕޯޓްސް ކުލަބު ސިޓީ ދެ މެޗުން ތިން ޕޮއިންޓް ހޯދިއިރު، އޮފު އެފްސީ ވަނީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިފައެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާއި ގުޑީސް ސްޕޯޓްސް ކުލަބު ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.