ޚަބަރު

"މޯލްޑިވްސް ހެލްތު ސަރވިސަސް" އުފެއްދެވުމަށް ރައީސް ނިންމަވައިފި


"މޯލްޑިވްސް ހެލްތު ސަރވިސަސް" އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި މިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މޯލްޑިވްސް ހެލްތު ސަރވިސަސް އުފައްދަވަނީ ޕްރައިމަރީ ހެލްތުކެއަރ ދިނުމަށާއި ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް ލާމަރުކަޒީ އުސޫލުން ހިންގުމަށާއި ޞިއްޙީ ދާއިރާއިން ފަންނީ މީހުން ބިނާކޮށް އެމީހުންގެ ހުނަރު އިތުރުކުރުމުގެ ގޮތުންނެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާ ކުރެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޚާއްސަގޮތެއްގައި ބޭސްފަރުވާއަށް މާލެއަށް ބަރޯސާވާ މީންވަރު ކުޑަކުރުމުގެ ގޮތުން އަތޮޅުތަކުގައި ސިއްޙީ ޚިދުމަތްތައް ފުޅާ ކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މިގޮތުން ހޮސްޕިޓަލްތައް ޤާއިމްކުރުމާއި ކުރިން ލިބެން ނެތް ޚިދުމަތްތައް އަންނަނީ ފަށަމުންނެވެ.

މޯލްޑިވްސް ހެލްތު ސަރވިސަސް އުފައްދަވަނީ ޕްރައިމަރީ ހެލްތުކެއަރ ދިނުމަށްކަމަށް ވުމާއެކު މިއީ މީގެ އަހަރުތަކެއް ކުރިން ކުރިއަށްގެންގޮސް، މިހާރު ހުއްޓާލާފައިވާ މަސައްކަތެވެ. ޑޮކްޓަރުން މަދުވިޔަސް ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން ބަލި މީހުންގެ ކަންކަން ބެލެހެއްޓޭނެ ކަމަށް މީގެ ކުރިން ހެލްތް މިނިސްޓަރ އަޙްމަދު ނަޞީމް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އަލަށް ބައްޓަންކުރި ޒަމާނުގައި، އެންމެ ބޮޑު އިސްކަމެއް ދެވުނީ ޕްރައިމަރީ ހެލްތުކެއަރ މެދުވެރިކޮށް ރައްޔިތުންނާ ގާތުން ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. ނަމަވެސް، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއި، ދުނިޔޭގެ ސިއްހީ އޮނިގަނޑަށް އައި ބަދަލުތަކާއި ލިބުނު ކުރިއެރުންތަކާއި، ކެއުންބުއިމުގެ އާދަކާދަތައް ބަދަލުވުމާއި، ދިވެހި ރައްޔިތުންގެ އެކްސްޕެކްޓޭޝަންސް ބަދަލުވުމާއި، އަދި އެހެނިހެން ކަންކަމާ ގުޅިގެން، ރާއްޖޭގެ ސިއްހީ ނިޒާމުގެ ފޯކަސް ބަދަލުވީ ކިއުރެޓިވް ކެއަރ ނުވަތަ ބަލިވުމަށްފަހު ބޭސްފަރުވާ ހޯދުމުގެ ގޮތުން، ސްޕެޝަލިސްޓް ކެއަރ ކުރިއެރުވުމުގެ ސިސްޓަމަކަށެވެ.