ޚަބަރު

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ލޯންޗްކުރަން ތައްޔާރުވަނީ


ދިވެހިރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ލޯންޗްކުރުމަށް ތައްޔާރުވަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަނަކީ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ މެއިން ޕާޓްނަރަކަށް އެޗް.ޑީ.ސީ ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައިވަނީ 27 ފެބްރުއަރީ 2022 ގައެވެ.

އައި.ޖީ.އެސްއާއި އެޗް.ޑީ.ސީ ގުޅިގެން ކުރިއަށްގެންދާ މި ސްޕޭސް މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓްކުރުމެވެ. މި މިޝަނާގުޅޭގޮތުން އެޗް.ޑީ.ސީން އާއްމުކުރި ވީޑިއޯއެއްގައި އައި.ޖީ.އެސްގެ ޗެއަރމަން އަދި ސީ.އީ.އޯ ވިދާޅުވީ، މިއީ ވަރަށް ތާރީޚީ އަދި ރާއްޖެއާއި ވަރަށް ބޮޑަށް ގުޅިފައިވާ މުހިއްމު މިޝަނެއްކަމަށެވެ.

އެގޮތުން މި މިޝަންގައި ބޭނުންކުރާ ސެޓެލައިޓަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ސައިންޓިފިކް މަޢުލޫމާތު އެއްކުރުމަށް ހަދާ ސެޓެލައިޓެއްކަމަށެވެ.

"މިއީ ދިވެހިރާއްޖެއާއި ވަރަށް ގުޅުންހުރި ރާއްޖޭގެ މުސްތަޤުބަލަށްވެސް ވަރަށް މުހިއްމު ދާއިރާއެއްގެ މަޢުލޫމާތު އެއްކުރުމަށްޓަކާ އަޅުގަނޑުމެން ކުރިއަށްގެންދާ މަސައްކަތެއް މި މަސައްކަތަކީ. ބޭނުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ހައިބަތު އިތުރަށް އުފުލާލުން. ދިވެހިރާއްޖޭގެ ބްރޭންޑް އިމޭޖް ރަނގަޅުކުރުން. އަދި މިފަދަ ބޮޑެތި ކަންތައްތައް ކުރެވޭނެ، އަދި މިފަދަ ކަންތައްތަކާ ކުރިމަތިލެވޭނެ ޤާބިލު ޒުވާނުން ދިވެހިރާއްޖޭގައި ތިބިކަން އަޅުގަނޑުމެންގެ ޒުވާން ޖީލަށްވެސް އަދި ދުނިޔެއަށްވެސް ސާބިތުކޮށްދިނުން" ރިއްފަތު ވިދާޅުވިއެވެ.

މި މަސައްކަތްކުރުމަށްޓަކާ މި ސެޓެލައިޓް ހަދާ ޓެސްޓްކޮށް ލޯންޗްކުރުމަށް ހަވާލުވެފައި ތިބީ ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ޤާބިލު އަދި ޢިލްމުވެރި ޒުވާނުންތަކެއްކަން އެޗް.ޑީ.ސީން ފާހަގަކުރެއެވެ. އަދި ދިވެހި ޓީމަކުން ކުރާ މިފަދަ ތާރީޚީ ކަމެއްގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއްކަމަށާއި، އެ ކޯރޕަރޭޝަނަކީ މިފަދަ އީޖާދީ މަސައްކަތްތަކަށް އަބަދުވެސް މަރުޚަބާ ކިޔާނެ ކުންފުންޏެއްކަމަށް އެޗް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާޠިފް ވިދާޅުވިއެވެ.

"މި މިޝަންއަކީ ވަރަށް ތާރީޚީ މަސައްކަތެއް ދިވެހި ޓީމަކުން ކުރަމުން އަންނަ. އެންމެ ފުރަތަމަ މިކަހަލަ މަސައްކަތެއް ކުރާ ބަޔަކަށްވެފައި، އަޅުގަނޑުމެންނާއި ހަމައަށް މީގައި ބައިވެރިވުމަށް އިންވިޓޭޝަން ލިބުނީމަ އަޅުގަނޑުމެންނަށް މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. ދިވެހިން ޒުވާނުންގެ ފަރާތުން އަންނަ މިފަދަ އިނިޝިއޭޓިވްސްތަކަށް އަޅުގަނޑުމެން ހަމަ މަރުޚަބާ ކިޔާނަން. އަޅުގަނޑުމެންނަށް ދެވެން އޮތް އެހީތެރިކަމެއް ދޭނަން" އާޠިފް ވިދާޅުވިއެވެ.

މިއީ އެމެރިކާގެ ކޭ.އެސް.އެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކު އައި.ޖީ.އެސްއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ސެޓެލައިޓް ލޯންޗްކުރަން ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި އެއަށްފަހު ސެޓެލައިޓުން ޑޭޓާ އެއްކޮށް މުޅި ޕްރޮގްރާމް ހިންގާނީ ދިވެހި ޒުވާނުންގެ ޓީމަކުންނެވެ.

ކޭ.އެސް.އެފް ސްޕޭސް ފައުންޑޭޝަނަކީ ސްޕޭސް ޢިލްމު ފުޅާކޮށް، ސެޓެލައިޓް ލޯންޗުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާއާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.