ބްރެޒިލުގެ ސައޮ ޕައުލޯއަށް ކުޅެމުން އައި ޒުވާން ފޯވާޑް މާކީނިއޯސް، އިނގިރޭސި ކުލަބު އާސެނަލަށް ސޮއިކޮށްފިއެވެ.
އާސެނަލްއިން ހާމަކުރިގޮތުގައި މާކީނިއޯސް އެކްލަބާއި ގުޅިފައިވަނީ ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ސައޮޕާލޯގެ ޔޫތު އެކަޑަމީއިން އަރައިގެން އައި މާކީނިއޯސް ސައޮޕާލޯގެ ސީނިއަރ ޓީމަށް އެންމެ ފުރަތަމަ ކުޅެފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ. އަދި އެއާއެކު އެކްލަބަށް ސަރަހައްދީ މުބާރާތެއް ކަމަށްވާ ޗެމްޕިއޮނާޓޯ ޕައުލިސްޓާ ކާމިޔާބު ކޮށްދިނުމުގައި އެހީތެރިވެދީފައިވެއެވެ. އެކްލަބަށް 41 މެޗްގައި ހަތަރު ލަނޑު ޖަހާދީފައިވެއެވެ. އަދި މާކީނިއޯސްވަނީ ބްރެޒިލްގެ 16 އަހަރުން ދަށުގެ ޤައުމީ ޓީމަށްވެސް ކުޅެފައެވެ.
އާސެނަލްގެ ޓެކްނިކަލް ޑިރެކްޓަރ އެޑޫ ހާމަކުރިގޮތުގައި މާކީނިއޯސް އަކީ އަދި ވަރަށް ޒުވާން ކުޅުން ކުޅުންތެރިއެއް ކަމަށާއި އެހެންކަމުން އެއީ މުސްތަގްބަލަށް ގެނެވިފައިވާ ކުޅުންތެރިއެއް ކަމަށެވެ. އެޑޫ ހާމަކުރިގޮތުގައި މާކީނިއޯސްގެ ކުޅުން ބަލަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެކަމަށެވެ. އަދި ކުރިއަށް އޮތް ޕްރީ ސީޒަންގައި އޭނާ އާސެނަލްއިން ފެނިގެންދާނެކަމަށްވެސް އޭނާ ހާމަކުރިއެވެ.