ޚަބަރު

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ދިވެހި ދައުލަތުން ކުރާ ހޭދަ އިންތިހާއަށް


ބިދޭސީންގެ މައްސަލަ ބޮޑުވެ އޭގެ ސަބަބުން އިޖުތިމާޢީ އެތައް މައްސަލައަކާއި، މާރާމާރީގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. މިމައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ދެއްކެވި ވާހަކަފުޅުން އެނގިގެންދިޔައީ މިއީ ރާއްޖޭގެ އިޤްތިޞާދަށްވެސް އޮތް އަނދަވަޅެއްކަމެވެ.

ރާއްޖޭގެ ބޯޑަރުތައް ރައްކާތެރިކުރުމަށް ބޮޑެތި ހޭދަތަކެއް ވޭތުވެދިޔަ ސަރުކާރުތަކުން ކޮށްފައިވީ ނަމަވެސް އިޤްތިޞާދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމަށްވާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް މީގެ ކުރީގެ އަހަރުތަކުގައި އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތެވެ. މީގެނަތީޖާއަކަށް ވެފައިވަނީ ބޯޑަރު ހުރަސްކޮށް އެތެރެވެފައިވާ ބިދޭސީންގެ މައްސަލަ ޙައްލުނުކުރެވި ބޮޑު މައްސަލައަކަށްވުމެވެ.

ރާއްޖެއަށް އައުމަށް ކޮންމެ ޤައުމަކަށް ކަނޑައެޅިފައިވާ ކޯޓާގެ ދަށުން އެކި ނަންނަމުގައި އުފައްދާފައިވާ ކުންފުނިތަކުން މީހުން އައީ އެތެރެކުރަމުންނެވެ. މީގެ ޝިކާރައަކަށް ވަމުންއައީ މިސަރަޙައްދުގައި އިންސާނީ ކާރިޘާއެއް ކުރިމަތިވެފައިވާ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެޑްވާންސްގެ ގޮތުގައި ބޮޑު ޢަދަދުތަކުން ނެގުމަށްފަހު ރާއްޖޭގައި މޮޅެތި ވަޒީފާތަކުގެ ދަޅަދައްކާ އެމީހުން މިތަނަށް ގެނެސް ހިންގަމުން އައި ޖަރީމާތަކުގެ ވާހަކައެއް ނުއެއްދައްކައެވެ.

މިމައްސަލައާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް ވަނީ މައްސަލަ ގޮސްފައިވާ ހިސާބު ހިއްސާކޮށްދެއްވާފައެވެ. އެގޮތުން މިނިސްޓަރވަނީ އެއްވެސް ގަވާއިދެއް ނެތި ރާއްޖެއަށް މީހުންއެތެރެވަމުން އައިގޮތުގެ ތަފާސްހިސާބު ހާމަކުރައްވާފައެވެ. މިނިސްޓަރ ހާމަކުރެއްވި ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް 40000އާއި 62000 ދެމެދުގެ ޢަދަދަކަށް އެވްރެޖްކޮށް ކޮންމެ އަހަރަކު ބިދޭސީންވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

"މީގެތެރެއިން މިދޮޅު އަހަރު ކުރެވުނު މަސައްކަތަށްފަހުވެސް ރާއްޖޭގައި އެބަޔަކު ތިބިކަން އަދި ނެތްކަން ނޭނގޭ އެތައް ސަތޭކަ މީހުންގެ ޑޭޓަރބޭސްއެއް އިމިގްރޭޝަންގައި އެބައޮތް. އެކަންވެސް ޙައްލުނުކުރެވިގެން އަޅުގަނޑުމެން މިއުޅެނީ." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

މިމައްސަލަ ޙައްލުކުރުމަށް މަސައްކަތް ފެށީ މިވޭތުވެދިޔަ 4 އަހަރެއް ތެރޭގައެވެ. އެގޮތުން ބަންގްލަދޭޝްއިން މީހުން ގެނައުން ވަގުތީ ގޮތުން ސަރުކާރުންވަނީ ހުއްޓުވާލާފައެވެ. އަދި ރާއްޖެ އެތެރެވެފައިވާ މީހުން ބައިނަލްއަޤުވާމީ މުޢާހަދާތަކާއި ރާއްޖޭގެ ޤާނޫނުތަކަށް ފެއްތުމުގެ މަސައްކަތްތަކާއި ގަވާއިދާ ޚިލާފަށް އުޅޭ ފަރާތްތައް ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މިކަމުގައި އޮތް ދައްޗަކީ ވަޞީލަތްތަކުގެ ދަތިކަން ކަމުގައި އިކޮނޮމިކް މިނިސްޓަރވަނީ މަޖިލީހުގައި ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ މިހާތަނަށް ގަވާއިދުގެ ތެރެއަށް 43000 އެއްހާ މީހުން ވަދެފައިވާއިރު އަދިވެސް ގަވާއިދަށް ނުފެއްތޭ 20000 މީހުން އެބަތިބިކަމަށެވެ. ރާއްޖެއަށް ބަންގްލަދޭޝް މީހުން އެތެރެވުން ހުއްޓުވާފައިވުމުގެ ސަބަބުން ގަވާއިދާ ޚިލާފަށް އުޅޭ މީހުންނަށް ރާއްޖޭގައި ބޮޑު ޑިމާންޑެއް އޮންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިމީހުން މިހާރު ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުން ނުވާކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

"ޑިޓެންޝަން ސެންޓަރެއް ނެތުމާއި ޤާނޫނުގައި ހުރި ހިފެހެއްޓުންތަކުން އަޅުގަނޑުމެންނަށް މިމީހުން ހައްޔަރުކުރެވެނީ 24 ގަޑިއިރަށް، އެމީހުންނަށް އެބައިނގޭ އެމީހުން ދޫކޮށްލަންކަން ޖެހޭނީ. އޭގެއިން ނުރަނގަޅު މެސެޖެއްވެސް އެބަދެވޭ. އެހެންވީމަ މިސެންޓަރާއެކު އަޅުގަނޑުމެން މިމީހުން ހައްޔަރުކުރަން ފެށުމުން ފިޔަވަޅު އަޅާނަން ރާއްޖޭގައި މިމީހުންލައްވާ މަސައްކަތް ކުރުވާ ފަރާތްތަކާމެދުވެސް." މިނިސްޓަރ ވިދާޅުވިއެވެ.

ބިދޭސީން ފޮނުވުމަށް ކުރިމަތިވެފައިވާ އެއް މައްސަލައަކީ އެމީހުން އަތުގައި ޤާނޫނީ ލިޔެކިޔުންތައް ނެތުމުގެ މައްސަލައެވެ. އެހެންކަމުން އެމީހުން ހައްޔަރުކޮށް އެމްބަސީ މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް ހޭދަވާ ގާތްގަނޑަކަށް 3 މަހެއްހާ ދުވަހަށް މިއިން ކޮންމެ މީހެއްގެ މައްޗަށް 18000 ރުފިޔާ ދިވެހި ދައުލަތުން ޚަރަދު ކުރަންޖެހޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ގަވާއިދާ ޚިލާފަށް ތިބި ވިހިހާސް މީހުންގެ މައްސަލަ ޙައްލުކުރުމަށް ތިންސަތޭކަ މިލިއަނެއްހާ ރުފިޔާ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ހޭދަކުރަން އެބަޖެހެއެވެ.

މިމައްސަލަގަނޑުގެ ތެރެއަށް ރާއްޖެ ގެންދިޔަ ބަޔަކުވެސް ތިބޭނެއެވެ. ޤާނޫނީ އިމުގެ ތެރެއިން އެފަރާތްތަކާއިހަމައަށް ދިޔުމުގެ ކުރިން ސަރުކާރުގެ މިހާރުގެ އަމާޒަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ތިބި ހުރިހާ މީހުން ގަވާއިދަށް ފައްތާ ނުވަތަ އެނބުރި ޤައުމަށް ދާން ބޭނުންވާ އެންމެން ފޮނުވާލުމެވެ. މިކަމަށްޓަކާ ބޭނުންވާ ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.