ޚަބަރު

ފުނައްޑޫއަށް މަސްގަންނަން ފެށޭނީ އަންނަ އަހަރުގެ މެއިމަހު: ފިޝަރީޒް މިނިސްޓަރ


ތ. ފުނައްޑޫއަށް މަސް ގަންނަން ފެށޭނީ އަންނަ އަހަރުގެ މެއި މަހުގެތެރޭގައި ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް އެރަށުގެ ބަނދަރުގެ ބޮޑު މަރާމާތެއް ކުރަންޖެހޭ ކަމަށެވެ. އަދި އެރަށަށް ގަންނަ މަސް އެކްސްޕޯޓުކުރުމަށް ނުވަތަ ރަށުން ބޭރު ކުރުމަށް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރ ވިދާޅުވީ ބަނދަރު ހެދުމާއެކު މުޅި ފެސިލިޓީ އެއްކޮށް މަރާމާތުކޮށް، މަސް ގަނެވޭ ހާލަތަށް އެތަން ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް 10.2 މިލިއަން ޑޮލަރު ނުވަތަ 157.3 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާ ކުރެވުނު މަޝްވަރާގެ އަލީގައި މި ފައިސާއަކީ މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާ ފައިސާއަށް ނުވާތީ އާއި މިވަގުތު ދައުލަތުގެ ކޭޝް ފްލޯގެ ހާލަތު ހުރި ގޮތުން މިމިންވަރަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް ހުރުމުގެ ސަަބަބުން ބޭންކިންގ ނިޒާމްގެ ތެރެއިން، މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް މިފްކޯއަށް އަންގާފައިވާނެ ކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މި ފައިސާ ލޯނުގެ ގޮތުގައި ހޯދުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ބޭންކުތަކާއެކު މިފްކޯއިން، މިހާރު ދަނީ މަޝްވަރާކުރަމުންނެވެ. އެހެންނަމަވެސް މިފްކޯގެ މާލީ ހާލަތު ހުރި ގޮތުން މިފަދަ ލޯނެއް ނެގުމަށް ބޭނުންވާ ކަންތައް ހަމަޖައްސަން އަދި 2 މަސްދުވަސް ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް ހިންގި އެސަސްމަންޓުގައިވާގޮތުން، 8 މަސްދުވަހުގެތެރޭގައި މަސައްކަތްތައް ނިންމާ ޚިދުމަތްދޭން ފެށޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އެހެންކަމުން ބޭނުންވާ ލޯނު ހަމަޖެހި ފުނައްޑޫއަށް މަަސް ގަނެވޭނެ ކަމަށް މިހާރު އަންދާޒާ ކުރެވެނީ އަންނައަހަރުގެ މެއިމަހުގެތެރޭގައި ކަމަށްވެސް ފިޝަރީޒް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފުނައްޑޫ އޮޕަރޭޝަނަށް ގެނައުން ވެގެންދާނީ ތ. އަތޮޅުގެ މަސްވެރިންނަށް މަސް ކިރުވުމަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަކަށެވެ. ފުނައްޑޫއަކީ މަސްގަނެ އެކްސްޕޯޓްކުރަން 2004 ވަނަ އަހަރު ތަރައްޤީކުރި ރަށެކެވެ.

އަމިއްލަ ފަރާތަކުން އޮޕަރޭޓުކުރަމުން އައި ފުނައްޑޫގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، އެރަށް ތަރައްޤީކުރުމަށް ނަގާފައިވާ ލޯނެއް ނުދެއްކި އެރަށް އޮތީ ބީއެމްއެލްއަށް ނަގާފައެވެ. އަދި ސަރުކާރުން ވަނީ ބޭންކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު އެތަން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިފްކޯއާއި ހަވާލުކޮށްފައެވެ.