ދުނިޔެ

ބުރްކިނާ ފާސޯގައި ޢާންމުންގެ 100 މީހުން މަރާލައިފި


ބުރްކިނާ ފާސޯގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކު ދިން ހަމަލާތަކެއްގައި ޢާންމުންގެ 100 އަށްވުރެ މީހުން މަރާލައިފިއެވެ. މި ހަމަލާތައް ދީފައި ވަނީ ބުރްކިނާ ފާސޯއާއި ނީޜަރ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ސެއިޓެންގާ ޑިސްޓްރިކްޓުގައެވެ.

އެ ޤައުމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން އަދި މިހާތަނަށް މި ހަމަލާތަކުގެ ޒިންމާ އުފުލާފައި ނުވާއިރު، އެ ޤައުމަކީ އަލްޤައިދާ އަދި އިސްލާމިކް ސްޓޭޓް (އައި.އެސް)ގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ ޤައުމެއް ކަން ފާހަގަކޮށްލަން ޖެހެއެވެ.

ހަތިޔާރު އެޅި ގުރޫޕުން ދިން ހަމަލާގައި މަރާލާފައި ވަނީ ހުސް ފިރިހެނުންނެވެ. އަދި، ހުރިހާ އަންހެނުންނާއި ކުޑަކުދިން ވަނީ ދޫކޮށްލާފައެވެ. މި ހަމަލާތަކާ ގުޅިގެން އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން 3,000 އެއްހާ މީހުން ވަނީ އެހެން ހިސާބުތަކަށް ބަދަލުވެފައެވެ.

ބުރްކިނާ ފާސޯއާއި އެ ޤައުމާ އިންވެގެން އޮންނަ މާލީގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުން 2015ވަނަ އަހަރުން ފެށިގެން ހިންގަމުންދާ އުދުވާންތަކުގައި މިހައިތަނަށް އެތައް ހާސް ބަޔެއްގެ ފުރާނަ ގެއްލިފައިވާ އިރު، އެތައް މިލިޔަން ބަޔަކު ވަނީ އެ މީހުންގެ އަމިއްލަ ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ބަދަލުވެފައެވެ.