ދުނިޔެ

ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރަން އެމެރިކާއާއި ޗައިނާ އެއް މޭޒަކަށް



އެމެރިކާއާއި ޗައިނާއާ ދެމެދު މިހާރު ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު ޖޭކް ސަލިވަންއާއި ޗައިނާގެ ޚާރިޖިއްޔާގެ އެންމެ އިސްވެރިޔާ ޔެންގް ޖެއިޗީ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަލިވަން ވަނީ، މި ދަނޑިވަޅުގައި ދެ ޤައުމުގެ ދެމެދުގައި މުވާސަލާތު ކުރުން ހުއްޓައި ނުލުމަށް ޗައިނާގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ހީނަރުވެ، ނުތަނަވަސް ކަން އުފެދިފައި ވަނީ ޓައިވާނާ މެދު ޗައިނާއިން ގެންގުޅޭ ސިޔާސަތުތަކާއި ޗައިނާގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ގޯސްވުން ފަދަ ސަބަބުތަކާ ގުޅިގެން ކަމަށް އެމެރިކާއިން ބުނެއެވެ. އަދި، ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ އަސްކަރިއްޔާއިން ހިންގަމުންދާ އަމަލުތަކާ މެދު ވެސް އެމެރިކާއިން ނުރުހެއެވެ.

ޗައިނާއިން ޓައިވާނަށް ހަމަލާދޭން އުޅޭ ކަމަށް ތުހުމަތު ކުރައްވައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައި ވަނީ، ޓައިވާނާ ދެކޮޅަށް ޗައިނާއިން އަސްކަރީ އޮޕަރޭޝަނެއް ފަށައިފި ނަމަ، އެ ޤައުމާ ދެކޮޅަށް އެމެރިކާއިން ވެސް ހަތިޔާރު ބޭނުންކުރާނެ ކަމުގައެވެ. ނަމަވެސް، އެ އެމެރިކާގެ ޚާރިޖީ ވުޒާރާއިން ފަހުން ވަނީ ޗައިނާއާ މެދު އެ ޤައުމުން ގެންގުޅެމުން ދިޔަ ސިޔާސަތު ބަދަލު ނުކުރާ ކަމަށް ބުނެފައެވެ.