ދުނިޔެ

ބަޙުރޭނުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި


ބަޙުރޭނުގެ ރަސްގެފާނު ޙަމަދް ބިން ޢީސާ އަލްޚަލީފާ، އެ ޤައުމުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، ތެލާ ބެހޭ ވަޒީގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. އެ މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ، ކުރިން މޫސުމީ ބަދަލުތަކާ ގުޅޭ ވަޒީރު ކަމުގެ މަޤާމު ފުރުއްވަމުން ގެންދެވި މުޙައްމަދު ބިން މުބާރަކް ބިން ދާޢިނާއެވެ.

މީގެ އިތުރުން، އެ ޤައުމުގެ ބޮޑު ވަޒީރުގެ ނައިބުގެ މަޤާމަށް ވެސް ރަސްގެފާނު ވަނީ ބަދަލު ގެންނަވާފައެވެ. އެ މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ ޝައިޚް ޚާލިދް ބިން ޢަބްދުالله އަލްޚަލީފާއެވެ. ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރުގެ މަޤާމު ވެސް ފުރުއްވާނީ އޭނާއެވެ. މީގެ އިތުރުން، ސިނާޢީ މަސައްކަތްތަކާ ބެހޭ ވުޒާރާއަށާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް ވެސް ރަސްގެފާނު ވަނީ ބޭފުޅުން ޢައްޔަން ކުރައްވާފައެވެ.

ބަޙުރޭނުގެ ވަލީއަޙުދު އަދި ބޮޑުވަޒީރު ސަލްމާން ބިން ޙަމަދް އަލްޚަލީފާ ވިދާޅުވީ، މި ބަދަލުތަކުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގައެވެ. އަދި، ޢާންމުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު މަތި ކުރުމަށް އެހީތެރިވެދޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ބަޙުރޭނަކީ ތެލުގެ ގޮތުން މުއްސަނދި ޤައުމެއް ކަމުގައިވީ ނަމަވެސް، އެ ޤައުމަކީ ތެޔޮ އުފައްދާ ޤައުމުތަކުގެ ޖަމުޢިއްޔާ ކަމުގައިވާ އޯޕެކްގެ މެންބަރެއް ނޫނެވެ. އެއީ އެ ސަރަޙައްދު އެހެން ޤައުމުތަކާ އަޅައިބަލާއިރު، އެންމެ ދަރަނި ބޮޑު އެއް ޤައުމު ވެސްމެއެވެ. 2010ވަނަ އަހަރު އެ ޤައުމަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް ގަލްފުގެ ޤައުމުތަކުން 10 ބިލިޔަން އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަން އެ ޤައުމަށް ފޯރުކޮށްދީފައިވެއެވެ.