ޚަބަރު

މާމެންދޫގެ އައު އިންޖީނުގެއާއެކު 35 އަހަރު ރަށުތެރެއިން އިވުނު އަޑު ނިމުމަކަށް


އެތައް ޒަމާނެއް ވަންދެން ލ. މާމެންދޫގައި ބޭނުންކުރަމުން އައި އިންޖީނުގޭގެ ބަދަލުގައި އަލަށް ތަރައްޤީކުރި ޒަމާނީ އައު އިންޖީނުގެއިން ޚިދުމަތް ދޭން ފަށައިފިއެވެ.

މިއީ މާމެންދޫ ރައްޔިތުންގެ ދުވަސްވީ ޝަކުވާއަށް އައި ނިމުމެކެވެ. މާމެންދޫގައި ސަރުކާރުން ތަރައްޤީ ކުރި އައު އިންޖީނުގެއިން ކަރަންޓް ފޯރުކޮށްދޭން ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މާމެންދޫ ކައުންސިލްގެ ރައީސް ހަސަން ރަމީޒް ވިދާޅުވީ އައު އިންޖީނުގޭގައި ޕަވަރހައުސްއާއި އޮފީސްބައި ހުންނަނީ ވަކިންކަމަށެވެ. އެގޮތުން ކުރީގެ އޮފީހާއި އަޅާ ބަލާއިރު ރަނގަޅު ފެންވަރެއްގެ އޮފީހެއް އައު އިންޖީނުގެއާއެކު ލިބިފައިވާކަން އޭނާ ފާހަގަކުރިއެވެ. ކުރީގެ އިންޖީނުގެ ބަދަލު ކުރުމުގެ މަސައްކަތް 2019 ވަނަ އަހަރު ފެށިގެން ކުރިއަށް އައިސް މިހާރު އެމަސައްކަތް ކާމިޔާބުކަމާއިއެކު ނިންމާލެވިގެން ގޮސްފައިވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

"ބޮޑެތި ތަކުލީފުތަކާއިއެކު ވޭތުވެދިޔަ އަހަރުތަކުގަ އެ ސަރަހައްދުގަ ދިރިއުޅޭ ރައްޔިތުން އުޅުމައްފަހު މިހާރު މިއޮތީ އިންޖީނުގެ ހުރި ސަރަހައްދު މީހުން ނޫޅޭ ރަށުގެ އުތުރުކޮޅަށް ބަދަލުކުރެވިފަ. މިއީ ރަށުގެ ރައްޔިތުންނަށްވެސް އަދި ކައުންސިލަށްވެސް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއް" މާމެންދޫ ކައުންސިލްގެ ރައީސް ހަސަން ރަމީޒް ވިދާޅުވިއެވެ.

މާމެންދޫގައި މީގެ ކުރިން ހުރި އިންޖީނުގެއަކީ 1992 ވަނަ އަހަރު ޚިދުމަތް ދޭން ފެށި އިންޖީނުގެއެކެވެ. މިއިންޖީނުގެ ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދުގައިކަމުން އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާން ޖެހުނެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އިންޖީނުގޭގެ އަޑާއި ހުރެ އުނދަގޫވުމުގެ އިތުރުން އިންޖީނުގެއިން އަރާ ދުމުގެ އަސަރާއި ތެލުގެ އަސަރުވެސް ރައްޔިތުންނަށް މިހާތަނަށް ކުރަމުން އައިސްފައިވާކަން ކައުންސިލުން ފާހަގަކުރެއެވެ.

އެރަށަށް ދިމާވެފައި އޮތް ޒަމާންވީ މިމައްސަލައަށް ހައްލު ލިބުމަކީ އެރަށު ރައްޔިތުން އަބަދުވެސް ދެކެމުންއައި ހުވަފެނެކެވެ. ވޭތުވެދިޔަ 30 ވަރަކަށް އަހަރު މިތަކުލީފުތަކާއި ކުރިމަތިލުމަށްފަހު މިކަމަށް ލިބިގެންދިޔަ ހައްލު އެރަށު ރައްޔިތުން ފާހަގަކުރަނީ އުފަލާއެކުއެވެ.

އައު އިންޖީނުގެއިން ކަރަންޓް ފޯރުކޮށްދޭން ފަށާފައިވާއިރު، މިހާރު އެރަށު ރައްޔިތުންނަށް 24 ގަޑިއިރުގެ ކަރަންޓް ޔަގީންވެ، ރައްކާތެރިކަން މިވަނީ ކަށަވަރު ވެފައެވެ.

މާމެންދޫ އައު އިންޖީނުގޭގެ ބޮޑުމިނުގައި 252 ސްކޮޔަރ މީޓަރު އަދި އޮފީހުގައި 160 ސްކޮޔަރ މީޓަރު ހުންނާނެއެވެ. މި އިންޖީނުގޭގައި ކޮންޓްރޯލް ރޫމަކާއި އިންޖީން ރޫމަކާއި ސްޓޯ ރޫމަކާއި ޗިމްނީއެއްގެ އިތުރުން ޕޭންޓްރީއެއް ހިމެނެއެވެ. އަދި އޮފީސް ބައިގައި އެޑްމިން އޮފީސް، މީޓިންގ ރޫމް، ރެސްޓް ރޫމް، ޕޭންޓްރީ، މެނޭޖަރ ރޫމަކާއި ސްޓޯރޭޖް ރޫމެއްވެސް ހިމެނެއެވެ.

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ ކުދި އާބާދީތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ދަނީ ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންނެވެ. އަދި މީހުން ދިރިއުޅޭ ގެތަކާއި އިންވެގެން ހުންނަ ދުވަސްވީ އިންޖީނުގެތައް މީހުން ދިރިއުޅޭ ގެތަކާއި ދުރަށް ބަދަލުކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. މިސިޔާސަތުގެ ދަށުން ރަށްރަށުގައި ހުރި ގިނަ އިންޖީނުގެތަކެއް ބަދަލުކުރުމުގެ މަސައްކަތާއި ކަރަންޓު ނެޓްވޯކްތައް އަޕްގްރޭޑުކޮށް ކަރަންޓު ކެނޑޭ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.