ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން ބީ ގްރޫޕް ހަތަރެއްގައި ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗު ނޯވޭއިން ކާމިޔާބުކޮށްފިއެވެ.
ނޯވޭގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ނޯވޭއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، ގިނަ ހަމަލާ އުފައްދާފައިވަނީ ސްވިޑެންއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ނޯވޭއަށް ކާމިޔާބުކޮށްދިނީ ފޯވާޑް އާލިން ހާލަންޑެވެ. އަދި ނޯވޭގެ ދެވަނަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީވެސް ހާލަންޑެވެ. މިއީ އޭނާ އެންމެ ފަހުން ކުޅުނު 21 މެޗްގައި ޖަހައިދިން 20 ވަނަ ލަނޑެވެ. އަދި ނޯވޭގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވުމަށް އޭނާއަށް މިހާރު ބޭނުންވަނީ 14 ލަނޑެވެ.
މި މެޗްގައި ސްވިޑެންއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެމީލް ފޯބާގެވެ. އޭގެ ފަހުން މެޗުގެ 77 ވަނަ މިނެޓުގައި ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެލެގްޒެންޑާ ސޯލޮތު ވަނީ ނޯވޭއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މެޗްގެ އިތުރު ވަގުތުގައި ވިކްޓާ ގްޔޯކެރޭސް ވަނީ ލަނޑެއް ޖަހައި، ސްވިޑެންގެ ފަރަގު އަނެއްކާވެސް ކުޑަކޮށްދީފައެވެ.
މި ކާމިޔާބީއާއެކު ނޯވޭ އުޅެނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ. އަދި ސްވިޑްން އުޅެނީ ހަތަރު މެޗުން ލިބިފައިވާ ތިން ޕޮއިންޓާއެކު ގްރޫޕުގެ ތިންވަނައިގައެވެ.