ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް ދޭއްގައި ޗެކް ރިޕަބްލިކް ބަލިކޮށް ތާވަލުގެ އެއްވަނައަށް ސްޕެއިން ޖެހިލައިފިއެވެ.
ސްޕެއިންގެ މަލާގާގެ ލަ ރޮސާލެޑާ ސްޓޭޑިއަމުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެއިނުންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ސްޕެއިނަށް ކާމިޔާބުކޮށްދިނީ ކާލޯސް ސޮލާއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ޕަބްލޯ ސަރާބިއާއެވެ. މި މެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށްވެސް ވަނީ ލިބި ބޭކާރުވެފައެވެ.
މި ކާމިޔާބީއާއެކު ސްޕެއިން މިހާރު ވަނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ އަށް ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރާފައެވެ. އަދި ޗެކް ރިޕަބްލިކް އުޅެނީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.